މިއީ ސުޕްރީމް ކޯޓުން އެންމެ ގިނަ މައްސަލަތައް ނިންމި އަހަރު: އުއްތަމަ ފަނޑިޔާރު

މިއީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ނިންމި އަހަރު ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވި އެންމެ ގިނަ ނިންމުންތައް ނިންމުނު އަހަރު ކަމަށެވެ.
މިގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެންބަރު 18 އިން މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބޭއްވިފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި، ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖް އަކީ 24 ކަމާއި، ނަމަވެސް މި އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ޙުކުމް ކުރެވިފައިވާކަމާއި، އަދި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، ފަސް މައްސަލައެއް އިޖުރާއީގޮތުން ބެލިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މެސެޖުގައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކީ، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފުގެ ޚިދުމަތްތައް މެދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މިގޮތުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައިކަންވެސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ