އަމާޒަކީ އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާ ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ދެއްވި މެސެޖުގައި ވިދާޅުވީ ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރުންމަތީ ދެމިތިބުމަކީ އަމާޒު ކަމަށާއި އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާ ކުރުން ކަމަށެވެ.
ސުޕްރީމް ކޯޓަށް 12 އަހަރުވެގެން ދިޔައީ އިޖާދީ އަދި ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްތައް ހިންގުމުގެ އައު ގޮތްތަކެއް އަލަށް ތައާރަފްކުރެވި އެކަންކަމުގެ ހެޔޮ ތަޖުރިބާއާއި އެކުގައި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކޮށް އަޑުއެހޭނޭހެން ކޯޓުގެ ވެބްސައިޓުގައި އާންމުކުރަން ފެށިފައިވާ ކަަމަށާއި ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށްގެންދިޔުމުގެ ގަވާއިދެއް އެކުލަވާލެވި މި އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ބޭއްވިފައި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ދެއްވި ޚިތާބުގައި ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އަލަށް ފަށައިގަތް މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބުކަން ފާހަގަކޮށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވި އަހަރު ކަމަށެވެ.
އަދި އެންމެ ގިނަ ނިންމުންތައް ނިންމާފައިވަނީ މި އަހަރުގެ ތެރޭގައި ކަމަށާއި އެގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބޭއްވިފައިވާކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ސުޕްރީކް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޖްރާއަތްތައް ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަ ހުށަހަޅާއިރު ގިނަ އަދަދެއްގެ ކޮޕީ ހުށަހަޅާ ގޮތަށް އޮތްއޮތުން މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށެވެ.
މިދަތި ދަނޑިވަޅުގައިވެސް ސުޕްރީމް ކޯޓުން ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން ކަންވެސް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާން ފާހަގަކުރެއްވިއެވެެ.
އަމާޒަކީ އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހެދުން: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ