ޔާމީންއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނަން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް އިން ގެނެސްދިން "ވޮޑަމުލާ ކިޔާ ރަށަށް ނުދަންނަން، އެ ރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ: ޔާމީން" މި ސުރުހީގެ ދަށުން ޝާއިރުކޮށްފައިވާ ހަބަރެއްގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ބުނެ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އެ ނޫސްބަޔާނުގައި ވިދާޅުވީ މި މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ޔާމީން އިތުރުފުޅު ހައްދަވާފައި ނުވާނެ ކަމަށާއި ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން ޔާމީނަށް ފުރަތަމަ އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދަނިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށެވެ.
އަދި އެއީ އެއްވެސް ހާލެއްގައި ޔާމީން ހެއްދެވި އިތުރުފުޅެއް ނޫން ކަމަށާއި މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއިރު ވެސް އެ ރަށާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ޔާމީންއާ ކުރައްވާފައި ނުވާ ކަމަށާއި ތަހުގީގު ނިންމައި ކޯޓުގައި ދައުވާ އުފުލިއިރު ވެސް އެ ރަށުގެ ވާހަކައެއް ދައުލަތުން ފާހަގަކޮށްފައިނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުން ކަމަށާއި އެ ރަށާއި ގުޅޭ މައުލޫމާތު ޔާމީނަށް އެނގިވަޑައިގެންނެވީ މިހާ ހިސާބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"މި މަހުގެ 8 ވަނަ ދުވަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ރަށާ ގުޅޭގޮތުން އެމަނިކުފާނު ހާމަކުރެއްވި މައުލޫމާތުތަކަކީ މި ދެންނެވުނު ރަށުގެ މައުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އަޅުގަނޑުމެން ހޯދި މައުލޫމާތު އެމަނިކުފާނު އަޅުގަނޑުމެންނާ ހިއްސާކުރުމުން އެމަނިކުފާނަށް މިހާރު ލިބިވަޑައިގެންފައިވާ މައުލޫމާތުތަކެވެ" އެ ބަޔާނުގައި ވެއެވެ.
އެގޮތުން އެ ރަށް ކުއްޔަށް ދީފައިވާ ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ރައްޓެހިންތަކެއްކަން މިހާރު އެނގިފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެ ރަށް ދޭން ބޭނުންވެގެން އަދީބު، ޔާމީންގެ ގާތުގައި ދެންނެވި ކަމަށް ހައިކޯޓުގައި ޔާމީން ވިދާޅުނުވާ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި ބަޔާނުގައި ވަނީ މި މައްސަލައިގެ ޝަރީއަތް ފެށުނީއްސުރެ މައްސަލައިގެ އަޑުއެހުންތަކުގައި ކަން ހިނގާދާ ގޮތުގެ އަސްލު ގެނެސްދިނުމުގެ ބަދަލުގައި ޔާމީންއާ މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޕީއެސްއެމް އިން މަސައްކަތްކުރާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.
އެހެންކަމުން ބްރޯޑްކާސްޓްކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑާއި ހިލާފަށް ޔާމީންއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫންކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
"އެފަދަ ކަންކަމާ ދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގައި ޕަބްލިކް ސާވިސް މީީޑިއާ އާއި އަދި އެފަދައިން އަމަލުކުރާ އެހެން މީޑިއާތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ