އާ ސީޕްލޭން ޓާމިނަލުން ޖާގަ ހޯދަން 38 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

އާ ސީޕްލޭން ޓާމިނަލްގައި ލައުންޖް ހަދަން ޖާގަ ހޯދަން އެމްއޭސީއެލުން ހުޅުވާލުމުން 38 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
"މިހާރު"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި މަހު 23ގެ ނިޔަލަށް ދިން ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓްތައް ހިންގާ ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ. އެކަމަކު މިއީ ކޮވިޑް-19ގެ ކުރިން ރާއްޖޭގެ ސީޕްލޭންގެ އޮޕަރޭޝަން އޮތް މިންވަރަށް ބަލާއިރު ނިސްބަތުން މަދު އަދަދެކެވެ.
އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ދިގު މުއްދަތަކަށް ޓީއެމްއޭއަށް ދޭން އުޅުނު މައްސަލަ ބޮޑުވެ، ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން އެމްއޭސީއެލަށް ލަފާ ދިނީ، ޓީއެމްއޭ އިން މިހާރު ހިންގާ ޓާމިނަލްގެ ޖާގައަށް ވާ ވަރަށް އާ ޓާމިނަލުން ކުރިއަށް އޮތް ދެ އަހަރަށް ޖާގަ ދިނުމަށެވެ.
ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ. މީގެ ތެރެއިން 6،400 މީޓަރުގެ ޖާގަ، ޓީއެމްއޭއަށް ކުރިއަށް އޮތް ދެ އަހަރު، އަކަމީޓަރެއް 10:35 ޑޮލަރުގެ ރޭޓުން ދޭން، އެމްއޭސީއެލްގެ ބޯޑަށް ފިނޭންސް މިނިސްޓްރީން، މިދިއަ ފެބްރުއަރީ މަހު ލަފާދިނެވެ. އެގޮތަށް ލަފާދިނީ، މާކެޓް ރޭޓަށް ވުރެ މާ ދަށް އަގެއްގައި، 15 އަހަރު ދުވަހަށް މުޅި ޓާމިނަލް ކަހަލަ ގޮތަކަށް ޓީއެމްއޭއަށް ދޭން، އެމްއޭސީއެލުން މަޝްވަރާކޮށް، އެއްބަސްވުމަކާ ހަމައަށް ވެސް ދެވިފައި އޮއްވަ އެވެ.
އެކަމަކު ސަރުކާރުން މެދު މިންވަރުގެ ހައްލެއް ހޯދައިދިނީ އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް ވަނުމާއި، ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އުފެދުމުންނެވެ.
މިއީ ސީ ޕްލޭން ޓާމިނަލްގައި ލައުންޖް ހަދަން ސީދާ އެމްއޭސީއެލުން ރިސޯޓްތަކަށާއި ސީޕްލޭން އޮޕަރޭޓްކުރާ އެއާލައިންތަކުގެ އިތުރުން ޓުއަ އޮޕަރޭޓުންނަށް ޖާގަ ދޫކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސީ ޕްލޭން ޓާމިނަލް ހަދައި ހިންގީ ޓީއެމްއޭ ކަމަށް ވާތީ، ހުރިހާ ބާރެއް ދީފައި އޮތީ، ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށެވެ.
ބިޑް ހުށައެޅުން އަންނަ މަހު
އާ ސީޕްލޭން ޓާމިނަލުން ޖާގަ ހޯދަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުން ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ އޮކްޓޯބަރު 11ގެ ހެނދުނު 11 ޖަހާއިރު، އެމްއޭސީއެލްގަ އެވެ.
ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު (154،200ރ.) ހުށަހަޅަން ޖެހެ އެވެ.
ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް އެމްއޭސީއެލުން ފޮނުވި އީމެއިލެއްގައި ބުނީ ޓާމިނަލަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަންނަ ހޯމަދުވަހު އޮންނާނެ ކަމަށެވެ.
ސީޕްލޭންގެ ދަތުރުތައް އޮންނަ ރިސޯޓްތަކުގެ ނިސްބަތުން ތަންކޮޅެއް މަދު ބަޔަކު އެމްއޭސީއެލުން ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރީ، ދާއިރާގެ ބައެއް މީހުން ލަފާކުރާ ގޮތުގައި، ޓީއެމްއޭއާ އެކު އެއްބަސްވުމަކަށް ގޮސްފައި އޮތުމުންނެވެ. އެހެންކަމުން ޓީއެމްއޭއަށް ދޭ ޖާގައިގައި ވެސް ގިނަ ލައުންޖްތަކެއް އެކި ރިސޯޓްތަކުން ތަރައްގީކުރާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު އާ ޓާމިނަލް ދޫކުރުުގެ އެއްބަސްވުމެއްގައި މިހާތަނަށް އެމްއޭސީއެލާއި ޓީއެމްއޭއިން ސޮއިކޮށްފައެއް ނުވެ އެވެ. ފިނޭންސް މިނިސްޓްރީން ނިންމި ގޮތް އިއުލާންކުރިތާ ހަތް މަސް ވީ އިރު، އެމްއޭސީއެލްގެ ބޯޑުން އެކަމާ މެދު ދެކޭ ގޮތް ވެސް، މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ