ނައިބު ރައީސްކަމަށް ވަކި ބޭފުޅަކު ގެންނާކަށް ތާއިދެއް ނުކުރަން – މައުމޫން

ނައިބު ރައީސްކަމުގެ މަގާމަށް ގެންނަން ވަކިބޭފުޅަކަށް ރައީސް މައުމޫން ތާއިދުކުރައްވާ ކަމަށް ބުނެ ރާއްޖެ އެމްވީގައި ޝާއިއު ކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިރޭ ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް ފޮނުވި މެސެޖެއްގައެވެ.
އެމެސެޖުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޤާނޫނޫ އަސާސީގެ 122 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް ސަބަބަކާއި ހުރެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ މަގާމުގެ މުއްދަތުގެ ބާކީ އޮތް ބަޔަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އަދި އެބޭފުޅެއްގެ ނަންފުޅު މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށާއި "މިހެން އޮތް ކަމެއްގައި އަޅުގަނޑު އެއްޗެއް ބުނާކަށް ނުޖެހޭ" ކަމަށެވެ.
މިހާރުގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރަމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު އެމަގާމަށް ދެން ގެންނަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ބޭނުންފުޅު ވަނީ ޓްއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު އެވެ. ނަމަވެސް ރާއްޖެ އެމްވީގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނަން ހާމަކުރަން ބޭނުން ނުވާ މެންބަރަކާއި ހަވާލާދީ ބުނެފައި ވަނީ ނައިބު ރައީސްގެ މަގާމަށް ގެންނަން ރައީސް މައުމޫން ބޭނުންފުޅުވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު މިރޭ ވަގުތަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަގާމަށް ސިޔާމް ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވާ ކަމަށާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އެމްޑީއޭ އިން ތާއިދު ކުރާނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް ކަމަށެވެ.
އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު ރީހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަގާމަށް އަދީބު ގެންނަން ސިޔާމް ވެސް ތާއިދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ