ވާހަކަ ދެއްކީ މުއާޒެއް ނޫން "ވާހަކަ ދެއްކީ އެމްއެމްޕީއާރްސީގެ ފައިސާ" – އުމަރު

ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާއާ ބެހޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު ދެއްކެވި ވާހަކަތަކަށާއި އޭނާ ކުރި ތުހުމަތުތަކަށް އޭރުގެ ހޯމް މިނިސްޓަރ އަދި ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާއާ ތަޙްޤީޤު ކުރި ޓީމްގައި އެންމެ އިސްކޮށް ބައިވެރިވި އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.
މުއާޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށެވެ.
ޢުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
"އޭގެ ރޯ ފައިލް މިހާރު ވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބަކީ މިހާރުގެ ސަރުކާރު ގެންނަން ޚަރަދު ކުރެއްވި ބޭފުޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭގެ ސަބަބުން ކަމަށް ވެސް ޢުމަރު ތުހުމަތު ކުރެއްވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މުޢާޒު އެދެއްކެވި ވާހަކަތަކަށްބަލާއިރު މިސަރުކާރު "ކުނިވާން" ފަށައިފި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.
ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ އާއި ގުޅޭ ގޮތުން މުއާޒު ރޭ ދެއްކި ވާހަަަކަތަކަކީ އެމައްސަލައިގައި ޙުކުމް އައިސްފައިވާ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު މިނިވަން ކުރެވޭނެ ގޮތައް ކަންކަން ބަދަލު ކުރުމަށް ރޭވިގެން ދެއްކި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މުއާޒު މީގެ ދެދުވަސް ކުރިން އަދީބު އާއި ބައްދަލު ކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
މުއާޒު ރޭ ވަނީ ފިނިފެންމާ ހާދިސާގެ ތަޙްޤީޤު އަލުން ކުރުމަށް ވެސް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ