ޓެކްސްގެ ގާނޫނާ ހިލާފަށް މީރާއިން ދަނީ ރައްޔިތުން އަތުން ފޭރެމުން: އަލީ ހުސައިން

ރާއްޖޭގައި ޓެކްސްގެ ނިޒާމް ބައްޓަންވެފައި އޮތީ ވިޔަފާރިވެރިންނާއި ރައްޔިތުންގެ އަތުން ފޭރޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ޓެކްސްގެ ނިޒާމު ބައްޓަން ކޮށްފައިވާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުނަތެކެއްވާ ކަމަށް ބުނެ ގިނަ ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މެމްބަރު އަލީ ހުސައިން ވަނީ ޓެކްސް ނިޒާމަކީ އިންސާފުވެރި ނިޒާމެއް ނޫން ކަމަށް ވިދާޅުވެ ޓުވީޓު ކުރައްވާފަ އެވެ.
އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންނާއި ރައްޔިތުން ފޭރޭ ގޮތަށް ބައްޓަންކޮށްފައިވާ ޓެކްސްގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ޓެކްސާ ބެހޭ ގާނޫނު އަބަދުވެސް މާނަ ކުރަންޖެހޭނީ ޓެކްސް ދައްކާ މީހާއަށް ފަސޭހަވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލް ވެސް މިނިވަން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ޓުވީޓާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖެގައި ޓެކްސްގެ ނިޒާމާ ގުޅިގެން ހަދާފައިވާ ގާނޫނު ގަނޑުބަޑުކޮށްފައި ވަނީ މީރާއިން ކަމަށެވެ. ޓެކްސް ނިޒާމު ގަނޑުބަނޑުވީ ސަރުކާރުން ބޭނުންވާ ގޮތަށް މީރާ އިން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
ޓެކްސްއާ ބެހޭ ގާނޫނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ރައްޔިތު މީހާއަށް ވީހާވެސް ލުއިކޮށް މާނަކޮށްގެން އަމަލުކުރާ ގާނޫނެއްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ މީރާގެ ގަވާއިދުތައް ބައްޓަން ކޮށްފައި ވަނީ ޓެކްސް ދައްކާ މީހާ މުޅިން ބަނގުރޫޓުވާ ގޮތަށް ކަމަށެވެ. އެގޮތުން އަލީ ހުސައިން ވަނީ މީރާއިން ގަވާއިދާ ހިލާފަށް ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާ ކަންވެސް ފާހަގަކުރައްވާފަ އެވެ.
އަލީ ހުސައިން ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި ހިންގަމުންދާ ކުދި ވިޔަފާރިތަކުގެ ތެރެއިން ގިނަ ވިޔަފާރިތަކަކީ ބީޕީޓީ ނެގުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ވިޔަފާރިތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް މީރާއިން ގެންދަނީ އެފަދަ ކުދި ވިޔަފާރިތައްވެސް ނޯޓުކޮށް ބީޕީޓީ ނަގަމުން ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ހުސައިން އިތުރަށް ވިދާޅުވީ ޓެކްސްއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ ހުރިހާ މައްސަލައެއްވެސް ނިންމަމުން ގެންދަނީ ސަރުކާރާ އެއްކޮޅަށް ކަމަށެވެ. މީރާ އާއި ޓްރައިބިއުނަލް ބޯޑުގައިވެސް ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ވައްދާފައި ތިބި މުވައްޒަފުންތަކެއް ތިބި ކަމަށާއި އެތަނުގައި ކަންކަން ނިންމަމުން އަންނަނީ ބޭއިންސާފުން ކަމަށްވެސް ވިދާޅުވި އެވެ.
މިފަދަ ކަންކަމުގެ ސަބަބުން އާންމުންނާއި ވިޔަފާރިވެރިން އެމީހުންގެ ޝަކުވާތަކާއި މައްސަލަތައް ޓްރައިބިއުނަލަށް ހުށަހަޅަން ފަސްޖެހޭ ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ. ޓްރައިބިއުނަލަށް ހުށަހަޅާ ކޮންމެ މައްސައެއްވެސް ސަރުކާރާ އެއްކޮޅަށް ނިންމުމާ، މައްސަލަ ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް މީރާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައި ބޮޑެތި ޖޫރިމަނާތަކެއް ކުރާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ