ދިވެހި ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، ފަންނާނުންގެ ތެރެއިން އިސް ބޭފުޅުންތަކެއް ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލައްވާ، ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ފަންނާނުންގެ ފޯރަމް" މިނަމުގައި ރޭ އޮލިންޕަހުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިލްމީ ދާއިރާގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދާއިރާގައި ހިމެނޭ ފަރާތްތަކުގެ އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ބޭއްވެވި ފޯރަމްގައި ފިލްމީ ތަރިން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެކަމުގެ މައުލޫމާތުވެސް ފަންނާނުން ވަނީ ހިއްސާކޮށްފައެވެ.
ފަންނާނުން ވަނީ ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަންނާނުންގެ ތެރެއިން އިސް ބޭފުޅުންތަކެއް ހިމެނޭގޮތަށް ކޮމެޓީއެއް އެކުލަވާލެއްވުމަށް ހުށައަޅުއްވާފައެވެ. އެންސީއޭގައިވެސް އިސް ބޭފުޅެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒު ހުށައެޅުއްވި މި ހުށައެެޅުއްވުމާއި ގުޅިގެން މިނިސްޓަރު ވަނީ ފިލްމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކޮމެޓީއެއް އެކުލަވާލައްވާނެކަމަށް ވިދާޅުވެފައެވެ.
އަދި ފިލްމީ ދާއިރާގެ ކުރިއެރުމަށް ކޮށްދެެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރޭގެ ފޯރަމްގައި ފިލްމީ ތަރިންވަނީ އޮލިންޕަސް، އެންސީއޭގެ ދަށައް އަލުން ބަދަލުކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހައިން ފިލްމުތައް ދެއްކޭނެ ގޮތެއް ފަހިވުމާއި، ފިލްމީ އުފެއްދުންތަކަށް ރައްކާތެރިކަން ލިބޭނެ ގާނޫނީ ނިޒާމެއް ހަމަޖެއްސުމަށް ގޮވާލައްވާފައެވެ.
އަދި ދައުލަތުގެ މީޑިއާއިން ފިލްމުތައް ހަމަހަމަކޮށް ޕްރޮމޯޓްކުރެވޭނެ އިންތިޒާމަކާއި، ފިލްމު ޝޫޓިންތަކަށް މާލެއާއި އަތޮޅުތެރޭގެ ބައެއް ތަންތަން ބޭނުންކުރުން މަނާކޮށްފައި އޮތުން ނިމުމަކަށް ގެނައުމަށާއި، ނެށުމުގެ ފަންނާއި، ސްޓޭޓް ޑްރާމާގެ ފަންނު ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން ދުވަސްވީ ފިލްމީ ތަރިންނަށް އެލަވަންސްއެއް ހަމަޖައްސައިިދިނުމަށްވެސް ވަނީ ހުށައަޅާފައެވެ.
ރޭގެ ފޯރަމަށް ފިލްމީ ތަރިން ވަނީ ލިޔުމުންނާއި، އަނގަބަހުން ދާއިރާގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވާފައެވެ.
ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި މި ފޯރަމްގައި އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖްގެ ދެ ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ މުހައްމަދު އިކުރާމާއި، ވަލީދާ ވަލީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިހުމާލުވެފައި އޮތް ފިލްމީ ދާއިރާގެ ކަންކަން ރަނގަޅުކުރަން ކޮމެޓީއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ