ޖަލުތަކުގެ ހާލަތު ބެލުމަށް ކުރިން އެންގުމަކާއި ނުލައި ޒިޔާރަތްކުރަނީ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ކުރިން އެންގުމަކާއި ނުލައި ޖަލުތަކަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް ހޯމް މިނިސްޓްރީއިން އެކުލަވާލި ކޮމިޝަންއިން ބުނެފިއެވެ.
18 ޑިސެންބަރުގައި ކޮމިޝަންގެ މަސައްކަތް ފަށާފައިވާއިރު ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓް ކޮމިޝަންގެ ރައީސް، އަހްމަދު އަބްދުލްކަރީމް ވިދާޅުވީ ކުރިން އެންގުމަކާއި ނުލައި ޖަލުތަކަށް ޒިޔާރަތްކުރަން ނިންމާފައިވާ ކަމަށެވެ.
ޖަލުތަކަށް ކުރައްވާ ޒިޔާތަރުގައި ޖަލުތަކުގެ ކެއިން ބުއިން ފޯރުކޮށްދޭ ގޮތާއި، އެތަނުގައި ޖާގައިގެ ދަތިކަން ހުރިތޯ އާއި ސިއްހީ ފަރުވާ އާއި ސާފުތާހިރުކަން ފަދަ ކަމުގެ އިތުރުން ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދޭތޯ ބަލާނެ ކަމަށް ޖަލުތައް އޮޑިޑް ކުރާ ކޮމިޝަންއިން ބުނެއެވެ. އޭގެ އިތުރުން ބަންދުކޮށްފައި ތިބޭ މީހުންނާ މެދު އަމަލު ކުރާ ގޮތްތަކާއި، ގައިދީން ޖަލުން އަނބުރާ އިސްލާހުވެގެން މުޖުތަމައުގެ ތެރެއަށް ގެނެވޭނެ ގޮތްތައް ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ