ގުރަލުގެ ހަޅޭކު: ޝަކުވާ ހުށަހަޅާތީ މޭޔަރު އެދުނީ އަމިއްލައަށް އިސްލާހުކުރަން

ގެތަކުގައި ގެންގުޅޭ ދޫނިސޫފާސޫފިން ގޮވާ އެކިއެކި އަޑާއި އަދި އެ ނޫނަސް އެހެނިހެން ބާރު އަޑުތަކާހެދި އަވައްޓެރި ގެތަކަށް އުނދަގޫވާ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްކުރާނީ ނަސޭހަތް ދީގެން ހައްލުކުރުމަށް ކަމަށާއި، ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިލްތިމާސްކުރައްވައިފިއެވެ. ތަފާތު އެކި ވައްތަރުގެ ގުރައާއި އެހެނިހެން ޖަނަވާރުތައް ގެންގުޅުމަކީ ވަރަށް ގިނަ ބަޔަކު ލޯބި ކުރާ އަދި ވަރަށް ބޮޑު ހޭދައެއް ވެސް އެކަމަށް ކުރާ ކަމެކެވެ. ޕެޓްގެ ގޮތުގައި ގިނަ ބަޔަކު ބޮޑެތި ދޫނިތައް ގެންގުޅެއެވެ. އޭގެ ތެރޭގައި ހިމެނޭ މަކާއޯ ފަދަ ދޫނިތަކަކީ ވަރަށް އަޑުގަދަ ކުރާ އެއްޗެއްސެވެ. ނަމަވެސް އެފަދަ އަޑުތަކާ ހެދި ކައިރީ ގެތަކުގައި އުޅޭ މީހުންނަށް އުނދަގޫވެ، އެފަދަ މައްސަލަތައް މިފަހުން ވަނީ ސޯޝަލް މީޑިއާއަށް ތިލަވެފައެވެ. ބެލްކަނިތަކާއި ޓެރެސްތަކުގައި ގެންގުޅޭ ބޮޑެތި ގުރާތަކުގެ ހަޅޭކުގެ އަޑާހެދި, ހަމަނިދި ނުލިބިފައި ތިބި އެތައް ބަޔަކު މި މާލޭގައި އެބަ އުޅެއެވެ. އެ ގަދަ އަޑު އިވެނީ އެ އެއްޗެހި ގެންގުޅޭ މީހާ އާއި އެ ގެއަށް އެކަންޏެއް ނޫނެވެ. މުޅި އެ ސަރަހައްދުގެ އެންމެންނަށް އެ އުނދަގޫ ފޯރައެވެ. ގޭގޭގައި ތިބޭ ބަލި މީހުންނާއި ކުޑަކުދިންނަށް އަދި މާ އުނދަގޫވާނެއެވެ. ހަމައެއާއެކު އެ ބާރު އަޑަކީ ގޭގޭގައި ހަމަޖެހިލައިގެން ތިބެލުމަށް ވާނެ ދައްޗެކެވެ. ބައިނަލްއަގުވާމީ ޖަނަވާރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެއާގެ ތެރެއިން: އެ ފެއާގައި އެކި މީހުންގެ އޮޅު ޖަނަވާރުތައް ދައްކާލައިފައިވޭ -- ސަން ފޮޓޯ/ އަމަން ލަތީފް އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، އެފަދަ އުނދަގޫތައް ދިމާވެގެން ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައި އެބަހުރި ކަމަށެވެ. ކައުންސިލްގެ މެންޑޭޓްގެ ދަށުން ފިޔަވަޅު އަޅައި، ޖޫރިމަނާ ކުރެވޭނެ ނަމަވެސް ކައުންސިލުން އިސްކަން ދެނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ފުރަތަމަ އަމިއްލައަށް އެ ކަންކަން އިސްލާހު ކުރުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ. ކޮންމެ ރައްޔިތަކު ވެސް ވިސްނަންވީ، ޖެހިގެން ހުރި ގެއަށް އުނދަގޫ ނުވާނެ، އަޑުގަދަނުވާނެ ފަދަ ގޮތަކަށް ދޫނި ވިޔަސް އަދި އެ ނޫން އެއްޗެއް ވިޔަސް ގެންގުޅެން. އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނެ. ޖޫރިމަނާ ކުރެވޭނެ. އެކަމަކު އޭގެ ބަދަލުގައި އިސްކަން މިދެނީ ނަސޭހަތްދީގެން ހައްލުކުރުމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މޭޔަރު ވަނީ އެފަދަ މައްސަލަތައް އަމިއްލައަށް ހައްލުކޮށް، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވައިފައެވެ. މިއީ މި ފަހުން އެކަނި ކުރިމަތިވާ މައްސަލައެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ. އެކަމަކު ތިމާގެ މިނިވަންކަމާމެދު އެކަނި ވިސްނޭތީ ހައްލު ނުވެ އޮތް މައްސަލައެކެވެ. https://sun.mv/206130 މިފަދަ ކަންކަން ހައްލު ކުރުމަށް ޓަކައި ގާނޫނުތަކާއި ގަވާއިދުތައް ވެސް ހަދާފައި އެބަހުއްޓެވެ. އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ކުށެކެވެ. އަދި ޖަނަވާރާއި ދޫނި ގެންގުޅެން ވެސް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި އާއްމުންގެ ތެރޭގައި ގެންގުޅުން މަނާ ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ގާނޫނުތަކަކީ ތަންފީޒު ނުވާ އެއްޗެއްސަށްވާއިރު މި ގާނޫނުތައް ވެސް އޮތީ ހަމަ އެ ހާލުގައެވެ. ކަމާ ބެހޭ މުއައްސަސާތަކަށް ގުޅިޔަސް ގިނަ ފަހަރު މައްސަލަ ހައްލެއް ނުވެއެވެ. ތޮއްޖެހި, ފުރި ބާރުވެފައިވާ މި މާލޭގައި ހަމަޖެހިލައިގެން ދިރިއުޅުން އުނދަގޫ އެތައް އެތައް ސަބަބެއް އެބައޮތެވެ. މަގުތައް އަމާނެއް ނޫނެވެ. ހަލަބޮލިކަމާއި އެކްސިޑެންޓާއި ކުށްތަކުގެ ސަބަބުންނެވެ. ގިނަ ބަޔަކު އަގު ބޮޑުކޮށް ގެ ހަދައިގެންނާއި ބޮޑު ކުލި ދައްކައިގެން ގޭގޭގައި އެ ތިބެނީ ކޮންމެ ވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަޑާއި ބަރުގޮނުގެ އަޑުގެ ސަބަބުން ވެސް ހަގީގީ ހަމަޖެހުމެއް ނުލިބެއެވެ. އެއަށް ދެން މި އިތުރުވަނީ އަވައްޓެރިން ގެންގުޅޭ ދޫންޏާއި އެކިއެކި ޖަނަވާރުތަކުގެ ސަބަބުން ވާ އުނދަގޫ ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ