ފަރުހާދާއި ނިޔާޒުގެ މައްސަލައެއް ޖޭއެސްސީއަށް؛ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގައި

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައި މައްސަލަ އޮތީ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގައިކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނެގި ވޯޓުގައި، ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވަނީ ފަރުހާދާއި ނިޔާޒެވެ.
އޭގެ ފަހުން ފަރުހާދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަނީ އާންމު ފަރާތަކުންނެވެ. އެކަމަކު އެއީ ކުރިން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި ނިޔާޒުގެ ވެސް ބަލަމުން ދަނީ 2024 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލައެކެވެ.
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފަރުހާދާއި ނިޔާޒާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލަ އަދި ކޮމިޝަނުގެ ބައްދަލުވުމަށް ގެނެސްފައެއް ނުވެ އެވެ. ފަރުހާދާއި ނިޔާޒުގެ މައްސަލަ އަދި އޮތީ ގޮތެއް ނިންމާ ކޮމިޓީގަ އެވެ.
ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުމުން އިޖުރާއަތް އޮންނަ ގޮތަކީ:
މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ތިން މެންބަރުންގެ ކޮމިޓީއަކަށް ފޮނުވުން
މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ކޮމިޝަނުގެ ބައްދަލުވުމަކަށް އެކަން ތާވަލުކުރުން
މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ހޯދިހޯދުންތައް ބެލުމަށް ފަހު މައްސަލަ ބެލުމާ މެދު ކޮމިޝަނުން ގޮތެއް ނިންމުން
ޖޭއެސްސީން 2022 އިން ފެށިގެން އަމަލުކުރާ ސިޔާސަތަކީ ސުލޫކީ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު އާންމުކުރާނީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން އެކަންޏެވެ.
ފަސްފަހަތް - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސްވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
މި ތުހުމަތުތައް އަޒްމިރަލްދާ އާއި މަހާޒު އިންކާރުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ