ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މުޅި މާލޭން މިއަދު ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، ދާއިމީ ހައްލެއް ގެނައުމަށް ދެ ދުވަސް ނަގާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލޭގެ ބޮޑުބަޔަކުން ކަރަންޓް ގޮސް، އޭގެ ފަހުން މުޅި މާލެއިން އެއްކޮށް ކަރަންޓް ކެނޑުނީ ކަރަންޓް ދޫކުރާ ކޭބަލަށް ދިމާވި މައްސަލައަކުން ކަމަށެވެ. ސްޓެލްކޯއިން ކަރަންޓު ދޭން ބޭނުން ކުރާ ކޭބަލެއް ދައްކަވައި، ޝަރީފު ވިދާޅުވީ، މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލެއް ހަލާކުވެ އެ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އެހެން ހަތަރު ކޭބަލެއް މެދުވެރިކޮށް ކަމަށެވެ."މި ވަގުތު ފީޑާ 8 އިން ކަރަންޓު ދޭ 10 ސަރަހައްދަށް ކަރަންޓް ދެމުން އައީ ހަތަރު ފީޑަރަކަށް ބަހާލައިގެން. ދިޔައިރުގައި ބާކީ ހަތަރު ފީޑަރުގެ ލޯޑު މަތިވަމުންދާތީވެ އެކި ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން މިދަނީ ކަރަންޓް ކަނޑަމުން،" އޭނާ ވިދާޅުވި އެވެ.ކުރިއަށް އޮތް ދެ ދުވަހު ވެސް ލޯޑު ބޮޑުވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ހަލާކުވި ކޭބަލް މަރާމާތުކުރުމަކީ އެކަމުގައި ރިސްކް އޮތް ކަމަކަށް ވާތީ އާ ކޭބަލެއް އަޅަން ނިންމާފައިވާ ކަމަށެވެ. މަގު ކޮނުމުގެ ހުއްދަ ސިޓީ ކައުންސިލުން ހޯދައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެން ލަފާ މިކުރަނީ ކޭބަލެއް އަޅަން އަޅުގަނޑުމެންނަށް ދެ ދުވަސްވަރު ނަގާނެ ކަމަށް،" ޝަރީފު ވިދާޅުވި އެވެ.ޝަރީފު ވިދާޅުވި ގޮތުގައި 102 ނަމްބަރު ފީޑަރަށް އެ މައްސަލަ ދިމާވިކަމަށް ލަފާކުރެވެނީ އިމާރާތްކުރުމުގެ މަސައްކަތް ކުރި ބައެއްގެ އަތުން ކޭބަލަށް ގެއްލުން ވުމުން ނާންގާއި އޭގެ މައްޗަށް ފަސް އަޅާފައި އޮތުމުން ކަމަށެވެ. އެގޮތަށް ކަންތައް ވުމުން ވަގުތުން މައްސަލައެއް ދިމާނުވެ ހުރެދާނެ ކަމަށާއި އެކަމަކު ދުވަސްތަކެއް ފަހުން ވާރޭ ވެހުމުން ވެލީގެ ތެރެއަށް ކަރަންޓް ލީކްވެ ޝޯޓްވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރޭ މުޅި މާލެއިން ކަރަންޓް ކެނޑުނީ ހަލާކުވެފައިވާ ފީޑާ ފާހަގަ ނުކުރެވި، ފަހަރަކު ފީޑަރަކަށް ކަރަންޓް ދެމުން ގޮސް އެ ފީޑަރަށް ކަރަންޓް ދެވުމުން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެއަށް ފަހު ހަލާކުވި ފީޑަރު ނުހޯދައި ކަރަންޓް ދިނުން ކުރިއަށް ގެންދިޔަ ނަމަ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް މުޅި ނެޓްވޯކަށް ލިބުމުގެ ނުރައްކާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ފަހުން ކަރަންޓް ދިނީ ކޮންމެ ފީޑަރެއް ވަކިވަކިން ބަލަމުންނެވެ.މައްސަލަ ޖެހުނު ކޭބަލްގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އިންނަ ފީޑަރު ވެސް ހިމެނެ އެވެ. އެހެންކަމުން، މައްސަލަ ހައްލުވެ، ލޯޑު ދަށަށް ދަންދެން އައިޖީއެމްއެޗުގެ އިމަޖެންސީ ކަރަންޓު ވިއުގަ ބޭނުންކުރަން އެދިފައިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ."މުޅި މާލެ ބްލެކްއައުޓަކަށް ދިއުމުގެ، ނޫނީ މުޅި ފީޑަރު އެކީގައި ބްލެކްއައުޓަކަށް ދިއުމުގެ ރިސްކް އެ ދިޔައީ. މިހާރު ފޯލްޓް ދެނެގަނެވިއްޖެ. ފޯލްޓް ރަނގަޅުކޮށްގެން ދެ ދުވަހެއްގެ ތެރޭގައި ދާއިމީ ހައްލެއް ހޯދޭނެ،" ޝަރީފް ވިދާޅުވި އެވެ.ފަތިހު 4 ޖެހި ފަހުން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމަށް ފަހު، މުޅި މާލެ އިން ކަރަންޓު ކެނޑުނީ ހެނދުނު 7:10 ހާއިރު އެވެ. އޭގެ ގަޑިއެއްހާ އިރު ފަހުން ވަނީ އަލުން ކަރަންޓު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ