މިއަދު ބޭއްވި އިންތިހާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކި ހިތްވަރާއި ކެއްތިރިކަމަށް މައުމޫން އަބްދުލްގައްޔޫމް ސާބަސް ދެއްވައިފިއެވެ.
މިވަގުތު ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ހައްގަށް ނަސްރު ދެއްވައިފި ކަމަށާއި، ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވި ކާމިޔާބީއަށް ހަމްދާ ޝުކުރުކުރާ ކަމަށެވެ. އެއާއެކު މައުމޫން ވިދާޅުވެފައި ވަނީ މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި، އިންތިހާބީ ބައިވެރިޔާ ފައިސަލް ނަސީމަށް މަރުހަބާއާއި މުބާރިކްބާދީ ދަންނަވާ ކަމަށެވެ.
މައުމޫނުގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުން މިއަދު ވޯޓު ދެއްވީ އަދުލު އިންސާފަށް ކަމަށާއި، އިންސާނިއްޔަތަށް ކަމަށެވެ.
"ދިވެހި ރައްޔިތުން ތިޔަ ވޯޓުދެއްވީ އަދުލް އިންސާފަށް. އިންސާނިއްތުކަމަށް. އޯގާތެރިކަމާ އެކުވެރި ކަމަށް. ތިޔަބޭފުޅުން ތިޔަ ތާއީދު ކުރެއްވީ ގުޅިފައިވާ ޕާޓީތަކުން އުފައްދާ އޯގާތެރި ސަރުކާރުން މިގައުމުގެ ކުރިމަގު ބިނާކުރުމަށް،" މައުމޫންގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ ގުޅިފައިވާ އިންތިހާދުން މަސައްކަތް ކުރާނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމީ އެއްބައިވަންތަކަމާއެކު އޯގާތެރި ސަރުކާރެއް އުފައްދާ ގައުމު އާރާސްތު ކުރުމަށް ކަމަށެވެ.
އިބޫ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަމުން ކުރީގެ ރައީސް މައުމޫނާއި މުހައްމަދު ނަޝީދަށްވެސް ޝުކުރު އަދާކޮށްފައިވާ އިރު، އިބޫ ވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެއްބަނޑު އެއްބަފާ ބޭބޭފުޅު މައުމޫން ޖަލަށްލާފައި ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ.
ދިވެހި ރައްޔިތުން ދެއްކި ހިތްވަރާއި ކެތްތެރިކަމަށް ސާބަސް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ