އުމަރު ގެންގުޅެނީ ފޯޖް ކޮށްފައިވާ ޑޮކިއުމަންޓެއް: އަދީބު

މާލެ އަތޮޅު އެނބޫދޫ ފަޅުކައިރީ އޮންނަ ފުށިދިއްގަރު ފަޅު ގާނޫނާއި ގަވާއިދާއި ހިލާފަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިސްކޮށް ތިއްބަވައިގެން 50 އަހަރަށް ވިއްކާލާފައިވާ ކަމަށް ބުނެ އުމަރު ނަސީރު ދައްކަވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓޫ ޑރ. ހަސަން ސައީދު އަޑީގައި ހުންނަވައިގެން "ފޯޖް" ކޮށްގެން ހަދާފައިވާ ފޭކް ޑޮކިއުމަންޓެއް ކަމަށް އަދީބު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއެންއެމް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ އެ ޑޮކިއުމަންޓަކީ ޕީޕީއެމްގެ އިގްތިސާދީ މެނިފެސްޓޯ ލޯންޗް ކުރަން އުޅުމުން، އާންމުންގެ ސަމާލުކަން އަނބުރާލުމަށް ޑރ. ހަސަން އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި އުމަރުގެ ވާހަކަ ތަކަކީ އެއްވެސް ތާކުންތާކުން ނުޖެހޭ ސާބިތު ކަމެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.
"އެއީ ވަރަށް ސާބިތު ނުހިފޭ ވަރަށް ބޮޑަށް ފޯޖް، އަޅުގަނޑު ދެކޭ ގޮތުގައި މިއީ ހަމަ ސީދާ ޑރ. ހަސަން ސައީދު އަޅުގަނޑުމެންގެ އިކޮނޮމިކް މެނިފެސްޓޯ ލޯންޗް ކުރަން އުޅޭނީ ނުވަތަ އަޅުގަނޑުމެންގެ ޕާޓީއަށް ބްލޯއެއް ދިނުމަށް ޓަކައި ސީދާ ހަމަ ރޭވިގެން ކުރި ކަމެއް،" ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި އަދީވު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އެ ފަޅަކީ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ގެންނަން މަސައްކަތް ކުރި ފަޅެއް ކަމަށެވެ. އަދި އެކަމަށް ދެފަހަރު އޭރުގެ ކެބިނެޓުން ނިންމިކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުންވެސް އެތަނަށް ޕްރޮޖެކްޓެއް ގެނައުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް، އެ މަސައްކަތް އޮތީ މަޑުޖައްސާލާފައި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އެގޮތުން އެ ފަޅު ވިއްކާލި ކަމަށް ބުނާ ކުންފުނިވެސް އެ ޕްރޮޖެކްޓުގެ މަސައްކަތްތައް ހުއްޓުމާއި އެކު ހެދިފައި ނުވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ. އެގޮތުން ކުންފުނި ހެދިފައި ނުވާއިރު، ލީސް އެގްރީމެންޓެއް ނެހެދޭނެ ކަމަށާއި އެ ފަޅު ޓޫރިޒަމްގެ ދަށަށް އަންނާނީ ލީސް އެގްރީމަންޓް ހެދުމަށް ފަހުގައި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައިވާނަމަ އެކަން އޭސީސީން ނޫންނަމަ ޝަރުއީ ކޯޓަކުން ނުވަތަ އޮތޯރިޓީ އަކުން ނަމަވެސް ސާބިތު ކޮށްދިނުމަށްވެސް އަދީބު ވަނީ އެދިފައެވެ. އަދީބު ވިދާޅުވީ އެބޭފުޅާ ކޮރަޕްޝަންގެ އަމަލު ހިންގަވާ ވާހަކަ ފެށުނީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ވުމާއި އެކުގައި ސިޔާސީ ގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ