ފަލަސްތީނަށް ވަޑައިގެންނެވުމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް ދައުވަތު ދެއްވައިފި އެވެ.
މި ދައުވަތު ދެއްވީ ފަލަސްތީނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޑރ. ރިޔާޒް އަލް މާލިކީ ރައީސް މައުމޫނާ މިއަދު ބައްދަލު ކުރެއްވުމަށްފަހު އެވެ.
މިއަދު ހެނދުނު ރައީސް މައުމޫންގެ އޮފީހުގައި މަޙްމޫދު ޢައްބާސް ފޮނުއްވާ ދަޢުވަތުގެ ސިޓީފުޅު ވަނީ ރައީސް މައުމޫނަށް ރައްދުކޮށްދެއްވާފަ އެވެ. އެ ދައުވަތު ދެއްވުމަށްފަހު ރައީސް މައުމޫން ފަލަސްތީނަށް ވަޑައިގަތުމުން ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާނެކަމަށާއި އަދި ރައީސް މައުމޫންގެ ރިޔާސަތުގައި ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަރުދަނާ އިސްލާމީ ސިޔާސަތަށް ތާރީފް ކުރައްވާ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ފަލަސްތީނުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ދާއިމީ ޞުލްޙައެއް ޤާއިމްކުރުމަށްޓަކައި އެމެރިކާ ސަރުކާރުގެ އިސްނެގުމަކަށް ދެޤައުމުގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ތަފްޞީލް ރައީސް މައުމޫނަށް އެރުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް ދެއްވި ދަޢުވަތަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފަލަސްތީނަށް ޒިޔާރަތްކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ވަރަށް މަތިވެރި އުފަލެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ފަލަސްތީނު ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށްދެއްވުމަށްޓަކައި ރައީސް މަޙްމޫދު ޢައްބާސްއާއި ފަލަސްތީނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް މައުމޫން ތާރީފް ކުރެއްވިއެވެ.
ފަލަސްތީނަށް ވަޑައިގަތުމަށް ރައީސް މައުމޫނަށް ދައުވަތު އެރުވި އިރު ރައީސް އަބްދުﷲ ޔާމީނަށް ވެސް ވަނީ ދައުވަތު އަރުވާފަ އެވެ.
ރައީސް މައުމޫން ފަލަސްތީނަށް ވަަޑައިގަތުމަށް ދައުވަތު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ