ރައްޔިތުން ތަފާތު ނުކޮށް ހިދުމަތް ދިނުމަށް ގާސިމް އެދިވަޑައިގެންފި

ގައުމުގެ ކަންކަން ހެޔޮމަގުން ހިނގާނީ ގައުމުގެ އެކި ކަންކަމާ ހަވާލުވެތިބި އެންމެން އެކީ އެއް ނިޔަތެއްގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރާއްޖެގައި ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާއްމު ކުރެއްވި ބަޔާނުގަ އެވެ.
ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެވުނުތާ މިއަދަށް 46 އަހަރު ފުރޭ މި މުނާސަބަތުގައި އާއްމު ކުރެއްވި ބަޔާނުގައި ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ދެވަނަ ޖުމްހޫރިއްޔަތެއްގެ ހިޔާވަހިކަމުގައި ބައި ގަރުނެއްހާ ދުވަސް ހޭދަކުރުމާ ގާތަށް ދަތުރުކުރެވިފަވާއިރު، ރައްޔިތުން ބަސްކިޔާ އަދި ރައްޔިތުން މުގުލުގައި ތިބޭ ވެރިކަމުގެ ނިޒާމު ދިވެހިރާއްޖޭގައި ޒަމާނީވެ ފައްކާވަމުން ދަނީ ފަޚުރުވެރިވުން ހައްގު ހަލުވިމިނެއްގައި ކަމަށެވެ.
މީގެ އިތުރުން ގާސިމް އިބްރާހިމް ވިދާޅުވީ ކުލަކުލައިގެ ގާނޫނު އަސާސީތަކާ އެކި ނަންނަންކިޔާ ގާނޫނުތައް ދެކެން ތިބި ބަޔަކު ހައިރާންވާހާ މޮޅަށް ލިޔެ
އެތަކެތި އެކަށައެޅިދާނެ ކަމަށާއި ގައުމު އިސްލާހުކުރުމާ ގައުމު ތަރައްގީކުރުމުގެ ނަމުގައި އެތައް އެތައް ކަމަކާ މަޝްރޫއެއް ރާވައި ތަންފީޒުކުރުމާއިގެންވެސް ކުރިއަށް ދެވިދާނެ ކަމަށެވެ. އެކަމަކު ގައުމު އިސްކުރުމުގެ އަމާޒާ، ރައްޔިތުންނަށް މަންފާހުރި ޚިދުމަތެއް އަމާނާތްތެރިކަމާއެކު ދިނުމުގެ ހެޔޮ ނިޔަތް ނެތްނަމަ މި ގައުމުގެ މިއަދަށާ މާދަމާއަށްޓަކައި ކާމިޔާބު މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ވެސް ގާަސިމް އިބްރާހިމްގެ ބަޔާނުގައިވެ އެެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގެ މޭސްތިރިކަމުގައި ހުންނެވި ގާސިމް އިބްރާހިމްގެ ބަޔާނުގައި ވަނީ އަމިއްލަ އެދުން އިސްކުރުމާ، ތިމާގެ ބައިމީހާއަށް މޮޅުގޮތް ހޯދައިދިނުމާ، ދެން ތިބި މީހުން ނިކަމެތިކޮށްލުމުގެ ސިޔާސަތު ނުހިންގުމަށް ގައުމުގެ އެންމެހައި މަސްއޫލު ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ޖުމްހޫރީ ދުވަހުގެ ހަގީގީ އުފަލާ ފޮނިމީރުކަން އެއްވެސް ތަފާތުކުރުމެއްނެތި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިއްބައިދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ