މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މުލަކު ދާއިރާ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވާ މާމިނގިލީ ދާއިރާގެ އަގުލަބިއްޔަތުވެސް ރިޔާސީ އިންތިހާބުގައި ނަގަނީ އެމްޑީޕީން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އދ.އަތޮޅާއި އއ.އަތޮޅާއި ވ.އަތޮޅުގެ މާލޭ ޖަގަހަ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުލަކު ދާއިރާއަކީ އެމްޑީޕީއާއި ވާދަވެރި އެއް ކެންޑިޑޭޓްގެ ދާއިރާކަމަށާއި އެދާއިރާއިން އަބްދުﷲ ޔާމީނަށް އެމްޑީޕީއަށް ވުރެ ގިނަ ވޯޓް ނުހޯދެއްވޭނެކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވާ މުޅި މާމިނގިލީ ދާއިރާގެ އަގުލަބިއްޔަތު އެއްބުރުން އެމްޑީޕީ ނަގާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މައްޗަންގޯޅި ސިލްވަސީން ޑރ.ވަހީދުގެ ވާހަކަ ދެން އަޅުގަނޑުމެން ދައްކާނެކަމެއް ނެތް. މައްޗަންގޯޅީގެ 80 ޕަސެންޓަކީ އެމްޑީޕީ، މިހާރުވެސް މެންބަރުންނަކީވެސް އެމްޑީޕީ. މައްޗަންގޯޅީގެ ރައްޔިތުންގެ މަޖިލީހުގެ ދެ ގޮޑިއަކީވެސް އެމްޑީޕީ. ސިޓީ ކައުންސިލްގެ ދެ ގޮނޑިއަކީވެސް އެމްޑީޕީ. އަންހެނުން ކުރިއަރުވާ ދެ ގޮނޑިއަކީވެސް އެމްޑީޕީ. ރިޔާސީ އިންތިހާބުވެސް ނަގާނީ އެމްޑީޕީ. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން މިމަސައްކަތް ކުރަމުން އަންނަ ޕާޓީއެއް. އަޅުގަނޑުމެންނަކީ މޮޅުވާން އެނގޭ ޕާޓީއެއް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވާދަވެރި ޕާޓީތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޕާޓީއަކަށް އެމްޑީޕީއާއި ވާދަނުކުރެވެނީ އެޕާޓީގެ ހަރަކާތްތެރިކަމާއި ރޭވުންތެރިކަމުގެ ސަބަބުންކަމަށެވެ. އަދި އެޕާޓީން ބޭނުންކުރާ ސިޔާސީ އުކުޅުތަކާއި، އިންތިޒާމްތަކާއި، ސިއާރާއި، ކުލައާއި، ލަވަ އާއިވެސް އެހެން ޕާޓީއަކަށް ވާދަ ނުކުރެވެނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. ސުލްހަވެރި ސިޔާސީ ހަރަކާތާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ އަޅުގަނޑުމެންގެ މިލުކެއް. އެއީ އެމްޑީޕީގެ މަސައްކަތެއް. މިއަދު ދިވެހިން ނުކުމެ އެތިބީ އެމަސައްކަތް ކަށަވަރު ކުރުމަށް. ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް. އަޅުގަނޑުމެންނަށް މި އިންތިހާބު އަރިވެ ނިމިއްޖެ. އިރާދަކުރެއްވިޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ހަމަ އެއްބުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރި އަތޮޅާއި ފެލިދު އަތޮޅަށް އިޝަރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޓުއަރިސްޓް ރިސޯޓްތައް އެންމެ ގިނަ ދެ އަތޮޅަކީ އެއީކަމަށާއި ނަމަވެސް އެއީ މިރާއްޖޭގައި އޮތް އެންމެ ފަގީރު ދެއަތޮޅުކަމަށެވެ. އަދި ކާރުހާނާތަކާއި ފެކްޓަރީތައް ފަދަ ސިނާއީ މަސައްކަތްތައްކުރާ ތަންތަނާއި ގާތުގައި މިހާ ފަގީރުން ދިރިއުޅޭ ތިން އަތޮޅެއް ދުނިޔޭގައިވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަމާޒަކީ އެމަންޒަރު ބަދަލުކުރުންކަމަށާއި ވާޒީފާގެ ފުރުސަތުތައް އެޕާޓީން ތަނަވަސްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މުލަކާއި، މާމިނގިލީ ދާއިރާގެ އަގުލަބިއްޔަތުވެސް ނަގާނީ އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ