ރައީސް ޔާމީންގެ ދައުރު ދަންމާލަފާނެ ކަމުގެ އިޝާރާތެއް!

ގާނޫނުއަސާސީ އަށް ގެންނަ ބަދަލަކުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ދިގު ދަންމައިލަފާނެ ކަމުގެ އިޝާރާތެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ރޭ ދެއްވައިފި އެވެ.
ރައީސް ޔާމީންގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް ހުވަދު އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ހުވަދޫ ބަހުން ނިހާން ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި އިތުރަށް ބެހެއްޓުމަށް ގާނޫނުއަސާސީ އަށް ގެންނަން އޮތީ ކުޑަކުޑަ ބަދަލެއް ކަމަށާއި އެކަމަށް މަގު ތަނަވަސްވެގެންދާނެ ކަަމަށެވެ. ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓުން، ދެ ވަނަ ދައުރެއް ރައީސް ޔާމީނަށް ނުލިބޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނިކޮށް، ނިހާން މިހެން ވިދާޅުވީ، ރައީސް ޔާމީން އިތުރު މުއްދަތަކަށް ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށް އޭނާ ދެއްކެވި ވާހަކަތަކަށް ބާރު ދެއްވަމުންނެވެ.
ނިހާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވޭނީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓައިގެންނެވެ.
"ރައީސް ޔާމީން، ވަރަށް ފަސޭހަ އިން ވެރިކަމުގައި ބެހެއްޓެން އަޅުގަނޑުމެންނަށް އެބައޮތް. ގާނޫނުއަސާސީގައި އޮވޭ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް. ބޮޑުވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައި. ހަމަ ކުޑަކުޑަ ބަދަލެއް ގެނައުމާއެކު ރައީސް ކަމުގައި ރައީސް ޔާމީން ބަހައްޓައިގެން ނުވަތަ ބޮޑުވަޒީރު ކަމުގައި ބަހެއްޓައިގެން ވެސް [ވެރިކަން ކުރެވޭނެ] ގޮތް އަޅުގަނޑުމެންނަށް އެބައޮތް. ﷲ އިރާދަކުރެއްވިއްޔާ، އެކަމަކަށް އަޅުގަނޑުމެންނަށް މަގު ތަނަވަސްވާނެ،" ނިހާން ވިދާޅުވި އެވެ.
އެކަމަކު، މަޖިލިސް މެދުވެރިކޮށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ސަރުކާރުން ބޭނުންވި ގިނަ އިސްލާހުތަކެއް ގެނެސްފައިވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން، ވެރިކަމުގެ ދައުރު ދެންމުމުގެ އިސްލާހު ހުށަހަޅާނެތޯ ނުވަތަ ނޫންތޯ ސާފުކޮށް ނިހާން ވިދާޅެއް ނުވެ އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ: --. ފޮޓޯ:ނިޝާން އަލީ/މިހާރު
ނިހާން ތަކުރާރުކޮށް ވިދާޅުވީ، ރައީސް ޔާމީން އިތުރު ދައުރުތަކަކަށް ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަނިން މޭޓަކަށް ރައީސް ޔާމީން ހަމަޖެއްސެވި ޝަހީމަކީ އިސްލާމް ދީނަށް ނަސްރު ދެއްވާ ބޭފުޅެކެވެ. އެހެންކަމުން، އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ހޯދައިދޭން ކުރާ މަސައްކަތުގައި ޝަހީމާއެކު އެންމެ ކުރީ ސަފުގައި ހުންނަވާނެ އެއް ބޭފުޅަކަށް އޭނާ ވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ރާއްޖެ އަށް ބޭރުގެ ނުފޫޒު ފޯރުވައި އިދިކޮޅު ފަރާތްތަކުން މި ގައުމު ގެންދަން ބޭނުންވާ މިސްރާބު އޭނާ އަށް ސާފު ކަމަށެވެ. ބޭރުގެ ގައުމުތަކުން ފިޔާ، އަލުވި އަދި ބިސް ރާއްޖެ އެތެރެކުރަން ކޯޓާ ކަނޑައަޅައި ޒަމާންތަކެއް ވަންދެން ރާއްޖޭގެ ރައްޔިތުން ސަލާންޖަހަން މަޖުބޫރުކޮށްފައިވާ ކަމަށާއި އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، މި ގައުމުގައި ދެން ވެރިކަން ކުރެއްވުމުގެ ފުރުސަތު ނަޝީދަށް ނުލިބޭނެ ކަމަށެވެ. އެމްޑީޕީ އަކީ ރައްޔިތުންނަށް ދޮގު ހަދައި ފިތުނަ އުފައްދައިގެން އުޅޭ ޕާޓީއެއް ކަމަށާއި އެ ޕާޓީ އަށް މި ގައުމުގައި ވެރިކަން ކުރުމުގެ ފުރުސަތެއް ރައްޔިތުން ދެން ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ "ރީނދޫ ހުން" ޖެހިފައި އޮތް ގދ. ތިނަދޫން ވެސް އެ ހުން ފިލައި، އެމްޑީޕީގެ ބޮޑުންގެ ގޮތުގައި ތިބި މީހުން ވެސް މިހާރު ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ. އެއީ، ހުވަދު އަތޮޅު ހިމެނޭ ގޮތުން މުޅި ރާއްޖެ އަށް ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީ ރައްޔިތުން ބަލައިގަންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ، ރައީސް ޔާމީނަށް ހުވަދު އަތޮޅުގެ ރައްޔިތުން ވޯޓު ދޭން ނުޖެހޭ އެއްވެސް ޒަރޫރީ ސަބަބެއް ނެތް،" ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ