ފްރާންސްގެ އިސް އޮފިޝަލަކު ސީއެންއެން އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ރޭގަނޑު ވައިގެ މަގުން ހިނގި ހަމަނުޖެހުންތަކުގައި ޕާކިސްތާނުން މަދުވެގެން އިންޑިއާގެ ރަފަލް ޖެޓެއް ވައްޓާލިއިރު، މިއީ ފްރާންސްގައި އުފައްދާފައިވާ މި މަތިންދާބޯޓު ހަނގުރާމައިގައި ގެއްލުނުކަން ކަށަވަރުވެފައިވާ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޓީވީ ނެޓްވޯކް ސީއެންއެން އަށް މައުލޫމާތު ދެއްވަމުން މަތީ މަގާމެއްގައި ހުރި ފްރާންސްގެ ޖާސޫސީ އޮފިޝަލް ވިދާޅުވީ އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓު ޕާކިސްތާނުން ކާމިޔާބުކަމާއެކު އެންގޭޖް ކޮށްފައިވާ ކަމަށެވެ. ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ކުރިމަތިލުންތަކުގެ ތެރޭގައި އެއް ރަފަލް ޖެޓަށް ވުރެ ގިނަ ޖެޓް ވެއްޓިފައި ހުރެދާނެތޯ ތަހުގީގު ކުރަމުންނެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚުވާޖާ އާސިފް ރޮއިޓާސްއަށް ވިދާޅުވީ ޕާކިސްތާނުގެ ވައިގެ ސިފައިން ޗައިނާއިން އުފައްދާފައިވާ ޖޭ-10ސީ މަތިންދާބޯޓު ބޭނުންކޮށްގެން ފްރާންސްގައި އުފައްދާފައިވާ ތިން ރަފަލް ޖެޓް ވައްޓާލި ކަމަށެވެ. ޖުމްލަކޮށް ޕާކިސްތާނުން ބުނަނީ ވައިގެ މަގުން އިންޑިއާގެ ފަސް މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށެވެ.
ޕާކިސްތާނުން ބުދަ ދުވަހުގެ ވައިގެ ހަނގުރާމާގައި އިންޑިއާގެ ފަސް މަތިންދާބޯޓެއް ވައްޓާލިކަމަށް ޕާކިސްތާނުން ބުނެ އެވެ.
ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުގައި އިންޑިއާ އާއި އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދުގައި މަދުވެގެން ދެ މަތިންދާބޯޓެއް ވެއްޓުނު ޚަބަރު ގެނެސްފައިވަނީ ތިން އޮފިޝަލަކާއި، ނިއުސް ރިޕޯޓްތަކާއި ލޮލުން ފެނުނު މީހުންގެ ވާހަކަތަކާ ހަވާލާދީ އެވެ.
އޮންލައިންކޮށް ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާކިސްތާނާ ބޯޑަރު އޮންނަ އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ބަތިންޑާ ސަރަހައްދުގެ ދަނޑެއްގައި ރަފަލްގެ ޓޭލްފިން އާއި ރަޑަރުގެ ބައިތަކެއް ފެނެ އެވެ. މީގެ ސީރިއަލް ނަންބަރު ބީއެސް-001 ޖަހާފައިވާއިރު، މިއީ ރަފަލް އީއެޗް މޮޑެލްކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރޮއިޓާސްއާ ވާހަކަ ދައްކަމުން އެމެރިކާގެ ދެ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި ޕާކިސްތާނުން ވަނީ ޗައިނާއިން އުފައްދާފައިވާ ޖޭ-10 ޖެޓްތައް ބޭނުންކޮށްގެން އިންޑިއާގެ މަތިންދާބޯޓުތަކާ ދެކޮޅަށް ވައިގެ މަގުން މިސައިލް ފޮނުވާލާފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، ލޮކްހީޑް މާޓިން އިން އުފައްދާފައިވާ ޕާކިސްތާނުގެ އެމެރިކާގައި އުފައްދާފައިވާ އެފް-16 މަތިންދާބޯޓުތައް މި އެންގޭޖްމަންޓުގައި ބޭނުންކޮށްފައި ނުވާކަމެވެ.
މި ހަމަނުޖެހުންތަކަކީ ބުދަ ދުވަހު ފަތިހުގެ ކުރިން ޕާކިސްތާނުގެ ހަ ތަނަކަށް އިންޑިއާއިން ދިން ހަމަލާތަކާއި ގުޅިގެން އިސްލާމްއާބާދުން ކުށްވެރިކޮށްފައިވާ ހަމަލާއެއް ކަމަށް ބުނެވެ އެވެ. ޕާކިސްތާން ސަރުކާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަންޖާބާއި އާޒާދު ކަޝްމީރުގައި މިސްކިތްތަކާއި ހައިޑްރޯޕަވާ މަޝްރޫއުތައް ހިމެނޭ ގޮތަށް އަމާޒުތަކަށް އިންޑިއާއިން ހަމަލާދީ މަދުވެގެން 31 އާންމުން މަރުވެ 57 މީހުން ޒަހަމްވެފައިވެ އެވެ.
ނިއުދިއްލީން އެއްވެސް މަތިންދާބޯޓެއް ގެއްލުނު ކަމަށް އިއުތިރާފުވެފައި ނުވާއިރު، ޕާކިސްތާނުގެ ސަރަހައްދުގެ ތެރޭގައި ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށް ނިއުދިއްލީން ބުނެ އެވެ.
ހުޅަނގުން ފަރުމާކޮށްފައިވާ މަތިންދާބޯޓުތަކާ ދެކޮޅަށް ޗައިނާގެ ޖޭ-10 ފައިޓާ ޖެޓްގެ ޕާފޯމަންސް ވޮޝިންޓަންގައި ވަރަށް ގާތުން ބަލަމުންދެ އެވެ.
ރަފަލް އާއި ޕާކިސްތާނުގެ ޖޭ-10 ވައްތަރު ވެސް ބެލެވެނީ ހަތަރު ވަނަ ޖީލުގެ ޕްލަސް ޖެޓްތަކެއްގެ ގޮތުގައި ކަމަށާއި، މިއީ މިހާރުގެ ކޮމްބަޓް އޭވިއޭޝަން ޓެކްނޮލޮޖީގެ އެންމެ ފަހުގެ ކުރިއެރުން ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ފައިޓާ ޖެޓްތަކެއްކަމަށް ވެއެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ތަރުޖަމާނަކު ވަނީ މަތިންދާބޯޓު ގެއްލުމާ ގުޅޭ ގޮތުން ރޮއިޓާސް އިން ނެރުނު ރިޕޯޓާ ބެހޭ ގޮތުން ސުވާލު ކުރުމުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
ޕާކިސްތާނުން އިންޑިއަން އެއާފޯސްގެ ރަފަލް ޖެޓެއް ވައްޓާލީ ޗައިނާއިން ގަނެފައިވާ ޖޭ-10ސީ ގެ ބޯޓް ބޭނުންކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ