އަންގާރަ ދުވަހު އެސް 25 އެޖް ނެރެނީ
ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރެފައިވާ ގެލެކްސީ އެސް 25 ސީރީޒްގެ އެންމެ ފަހު ސްމާޓްފޯން ކަމަށްވާ ގެލެކްސީ އެސް 25 އެޖް ނެރޭ ތާރީޚު ރަސްމީކޮށް އިއުލާން ކޮށްފިއެވެ. މި ފޯނު މަޝްހޫރުވެފައިވަނީ ސެމްސަން ސީރީޒްގެ އެންމެ ތުނި ފޯނުގެ ގޮތުގައެވެ. ސެމްސަން ކުންފުނިން ބުނެފައިވާ ގޮތުގައި މި ފޯން ރަސްމީކޮށް ނެރޭނީ މެއި 13ވާ އަންގާރަ ދުވަހު ކޮރެއާ ގަޑިން ހެނދުނު 9:00 ގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކެއްގައި އެއްވަގުތެއްގައި ނެރުމަށް ހަމަޖެހިފައިވާ މި ފޯނު ކެލިފޯނިއާގައި ނެރޭނީ މެއި 12 ވަނަ ދުވަހުގެ ހަވީރު 5:00 ގައެވެ. އަދި، ނިއުޔޯކްގައި މެއި 12 ވަނަ ދުވަހުގެ ރޭ 8:00 ނެރެން ހަމަޖެހިފައިވާއިރު، ލަންޑަންގައި ނެރުމަށް ހަމަޖެހިފައިވަނީ މެއި 13 ވަނަ ދުވަހުގެ ދަންވަރު 1:00 ގައެވެ. ޖަރުމަނުގެ ބަރލިން އަދި ފްރާންސްގެ ޕެރިސްގައި ފޯނު ނެރޭނީ މެންދަމުން އަލިވެ 2:00 ގައެވެ. އިންޑިއާގައި ނެރޭނީ މެއި 13 ވަނަ ދުވަހުގެ ފަތިހު 5:30 ގައެވެ. ސެމްސަންގްގެ ރަސްމީ ބަޔާނުގައި ބުނެފައިވާ ގޮތުން ގެލެކްސީ އެސް 25 އެޖްއަކީ ހަމައެކަނި ފަތި ސްމާޓްފޯނަކަށްވުރެ ތަފާތު ގިނަ ސިފަތަކެއް ލިބިފައިވާ ފޯނެކެވެ. އެގޮތުން، މި ފޯނުގެ ކޮންމެ ކަނަކާއި، ބައެއް ވެސް ވަނީ އެސް ސީރީޒްގެ ނަމާ އެކަށީގެންވާ ޕްރީމިއަމް ތަޖުރިބާއެއް އުފެއްދުމަށް ދެވިފައިވާ އިންޖިނިއަރިންގެ ޚާއްޞަ ފަރުމާއެއް ކަމަށް ބުނެފައިވެއެވެ. މި ފޯނުގައި 200 މެގަޕިކްސެލްގެ މައި ކެމެރާއެއް ހިމެނޭނެކަން ކަށަވަރުކޮށްދީފާވާއިރު، މިއީ ގެލެކްސީގެ އައިކޮނިކް ކެމެރާއާއި އެއްފެންވަރެއްގެ ޕްރޮފެޝަނަލް ފެންވަރުގެ ޚާއްސަކަން ލިބިފައިވާ ކެމެރާއެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މި ފޯނުގައި އެސް 25 ސީރީޒްގެ އެހެން ފޯނުތަކުގައި ވެސް ހިމެނޭ ގިނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ހިމެނޭނެއެވެ. ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް ސީރީޒް ވަނީ އެ ކުންފުނީގެ ފްލެގްޝިޕް ސްމާޓްފޯން ލައިނަޕްގެ ގޮތުގައި ޒަމާންތަކަކަށް މަޝްހޫރުވެފައެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނެރެފައިވާ ގެލެކްސީ އެސް 24 ސީރީޒްގައި ހިމެނޭ މައި މޮޑެލްތައް ކަމަށްވާ އެސް 24، އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާ ބާޒާރުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވެއެވެ. ސެމްސަންގްގެ ލުއި އަދި ތުނި ފޯނުތަކުގެ "އެޖް" ކެޓަގަރީގެ ތެރެއިން ނެރޭ މި އެސް 25 އެޖްއަކީ ސެމްސަންގްގެ ފޯނުތަކަށް އަންނަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެފައި، މިހާރު އިންޑަސްޓްރީގައި ބޮޑަށް ފެތުރެމުންދާ އޭއައި ފީޗާތަކުގެ އިތުރުން އިތުރު އެޑްވާންސް ޓެކްނޮލޮޖީތައް ފޯނުގައި ހިމެނިފައިވާ ފޯނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ