ރައީސް އެންގުމުން ވެސް އިންޑިޔާ ސިފައިން ރާއްޖެއިން ނުފޭބި - އުމަރު

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި ބައިތިއްބާފައިވާ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންގެވި ކަމަށާއި، ނަމަވެސް އިންޑިއާ ސިފައިން އެ އެންމެގުމަށް ރާއްޖެއިން ފައިބާފައި ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ "ސްޓްރެޓީޖިން ނިއުސް އިންޓަނޭޝަނަލް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރެއް ހަދިޔާކޮށް ގިނަ އަދަދެއްގެ ސިފައިން ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރު އުދުހުމުގެ ނަމުގައި އެ ސިފައިން ގެނައި ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
"ދިވެހިންނަށް އޭ380 އެއާކްރާފްޓު ދުއްވޭ އިރު އަދި ކޮންމެ ފްލައިޓެއް ދުއްވޭ އިރު އަދި ދިވެހިންނަށް ސަބްމެރީން ދުއްވޭ އިރު ހެލިކޮޕްޓަރު ނުދުއްވެންވީ ކީއްވެ، އިންޑިޔާއިން މިއީ އަޅުގަނޑުމެންނަށް ދިން ހަދިޔާއެއް ނަމަ އޭތި ޖެހޭނީ ދިވެހިންނަށް ދޫކޮށްލަން، އަޅުގަނޑުމެން އޭތި އުދުއްސާނަން އަދި ބަލަހައްޓާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ރާއްޖޭއާއި އިންޑިއާ އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ގޯސްވާން މެދުވެރިވީ 2008 ވަނަ އަހަރަށްފަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އުމަރު ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާގެ ޖީބަށް ފުންމާލާފައިވާ ކަމަށާއި، ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާން ފެށުން ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުގެ މައްސަލަ އުމަރު ސިފަކުރެއްވީ، 21 ވަނަ ޤަރުނުގެ ޓްރޯޖަން ހޯސް އެއްގެ ގޮތުގައެވެ. އެ މޭރުމުން މިކަން ސިފަކުރައްވާ އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހެލިކޮޕްޓަރު ބާއްވަން މަސައްކަތް ކުރަމުން ގޮސްފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމުގެ ބޭނުމުގައި ކަމަށެވެ.
އުމަރު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި އަސްކަރީ ބޭސްއެއް ހަދަމުންދާކަން ދިވެހިންނަށް އެނގޭއިރު، ހެލިކޮޕްޓަރު ފޮނުވާލާ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އޭރުގެ ރައީސް ޔާމީން ސީދާ އެމީހުންނަށް އެންގުމުންވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
"ގާނޫނީ ސަރުކާރަކުން އެމީހުންނަށް ސީދާ އެންގީމަ އެ މީހުން ގައުމުން ދާން ޖެހޭ، އެއީ އެ މީހުން ރަތް ރޮނގު ހުރަސް ކުރި ހިސާބު، އެހެންވީމަ އެންމެނަށް މިހާރު އެނގިއްޖެ މިއީ ހަދީޔާއެއް ނޫން ކަމަށާއި ސިފައިން ބައިތިއްބަނީކަން،" އިންޑިއާ ސިފައިން އައްޑޫގައި ބަހައްޓައިގެން އުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށް އުމަރު ވިދާޅުވިއެވެ.
އާ ސަރުކާރުން ހެލިކޮޕްޓަރާ ބެހޭގޮތުން ވިދާޅުވެފައިވަނީ އަވަށްޓެރިން ދޭ ހަދިޔާ އަނބުރާ ފޮނުވާލުމަކީ ދިވެހިންގެ އާދައެއް ނޫން ކަމަށާއި، ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވާނެ ކަމަށެވެ. އަދި ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް މިހާރު ބައިތިއްބާފައި ތިބޭ 40 ސިފައިންގެ އަދަދު 60 އަށް އިތުރު ކުރާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
އިންޑިއާ ސިފައިން ދާއިމީކޮށް ރާއްޖޭގައި ބައިތިއްބުމަށް އިންޑިއާއިން ކުރާ ޝަރުތައް ރުހޭނަމަ 1 އެބިލިއަން ޑޮލަރުގެ ލޯނު އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ. އިންޑީއާ އާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރި ނަމަވެސް އަސްކަރީ މިދަފަ ނިންމުންތަކާ ދިވެހިން ދެކޮޅުކަން ހާމަކޮށް ދެކެވޭ ވާހަކަތަކުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ