ދައުލަތުގެ ސިޔާސަތުތައް ހިންގަންވާނީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް: ރައީސް މައުމޫން

ދިވެހި ދައުލަތުގެ ހުރިހާ ސިޔާސަތެއް ހިންގަންވާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި އަގީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި އަދި އިގްތިސޯދީ، އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިއާޔަތްކުރައްވާނެ ކަމަށް ބުނެ ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ފުއްދައި ދެއްމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ތައުލީމު މިހާރަށް ވުރެއް ބޮޑަށް ދަރިވަރުންނަށް އުގަންނައިދުނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
"ދިވެހިންގެ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި އަގީދާ ދަމަހައްޓައި، އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިގްތިސޯދީ އަދި އިޖުތިމާއީ ނަހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ސަރުކާރުން ރިއާޔަތްކުރައްވާނެކަމަށް ވެފައިވާ ވައުދު ފުއްދަވައި، ގައުމު ބިނާކުރުމާއި މުޅި ދައުލަތުގެ ހިންގުން އެމަގުން ކުރިޔަށްދާކަން ކަށަވަރު ކުރުމާއެކު ރާއްޖޭގައި އިސްލާމީ ތައުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށް ދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުން،" މައުމޫން ނެރުނެ ބަޔާނުގައި ބުނެފައިވެއެވެ.
މައުމޫން ވިދާޅުވީ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް އައުމުގެ ސަބަބަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ރާއްޖެ އަށާއި ދިވެހިންނަށް ލިބުމުގެ ނަސީބު މިންވަރު ކުރެއްވީތީ މާތް ﷲ ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރައްވަމުން ރައީސް މައުމޫން ވަނީ އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ދިވެހިން ތިބުމުގެ ނަސީބު ދެއްވާ ރާއްޖޭގައި ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި ލަވަހައްޓަވައި އަދި މިގައުމަކީ އަމާން ކަން އަދި ސުލްހަ މަސްލަހަތަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުއު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ