ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި ވަނީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖޭއެސްސީގެ މެންބަރު ކަމަށް ހަމަޖައްސަން ބޭނުންވާ މެންބަރުންގެ ނަންތައް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. އެގޮތުން މެންބަރުންގެ ފަރާތުން ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރަން ހުށަހެޅީ ފާރިސް މައުމޫންގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދުގެ ނަމެެވެ. ނަމަވެސް އަހްމަދު ރަޝީދު ވަނީ ވޯޓަށް އެހުމުގެ ކުރިން އޭނާ އެކަމަށް ތަނާޒުލްވާ ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން ޖޭއެސްސީގެ މެންބަރު ކަމަށް ފާރިސް މައުމޫން ހަމަޖެއްސުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ޖޭއެސްސީގެ މެންބަރު ކަަމަށް ފާރިސް ހަމަޖެއްސުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ފާރިސް ހަމަޖައްސާފައި މިވަނީ މަޖިލީހުގެ މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އޭނާ މަގާމުން ވަކިކުރުމަށް ފާސްކުރުމުންނެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ފާރިސް މައުމޫން ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ