މިސްކިތްތަކުގައި ހިންގާ ސިޔާސީ ކަންތައްތައް ފުލުހުން ހުއްޓުވަން ޖެހޭ - އުމަރު

ރާއްޖޭގެ މިސްކިތްތަކުގައި ހިންގާ ސިޔާސީ ހަރަކާތްތައް، ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު ކުރެއްވި ޓުވީޓެއްގައިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި މި ހުކުމާއި ގުޅިގެން ރައީސް ނަޝީދުގެ މިނިވަން ކަމާއި ސަލާމަތާއި ރައްކާތެރި ކަމަށް އެތި އިސްލާމީ މަރުކަޒުގެ ބޭރުގައި އެތައް ސަތޭކަ ބަޔަކު މިއަދު ވަނީ ދުއާކޮށްފައެވެ. ހުކުރު ނަމާދަށް ފަހު ކުރިއަށް ދިޔަ މި ހަރަކާތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިސްލާމީ މަރުކަޒުގައި ހިންގި މި ހަރަކާތާއި ގުޅިގެން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިސްކިތްތަކާއި މިސްކިތުގެ ވަށައިގެންވާ ސަރަހައްދުތައް ސިޔާސީ ބަޔާންތައް ދިނުމުގައި ބޭނުން ކުރެވިގެން ނުވާނެ ކަމަށާއި މިކަމާއި ދެކޮޅަށް ފުލުހުން ނިކުމެ، ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ވެސް އެމްޑީޕީން ވަނީ ހާއްޞަ ދުއާއެއް ކޮށްފައެވެ. ނަމަވެސް އެދުއާގައި ބައިވެރިވި މީހުންގެ އަދަދު މިއަދު ބައިވެރިވި މީހުންނާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަން މަދެވެ.
ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވާ ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަނބިކަނބަލުން ލައިލާ އަލީ އިއްޔެ ވިދާޅުވެފައިވާއިރު، ފުލުހުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން އުޅޭ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން ކޮންމެ ރެޔަކުހެން ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.ރައީސް ނަޝީދު ދޫކޮށްނުލަންދެން މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން މިރޭ 8:30 ގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ