މިހާރު މިފެންނަނީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން - މައުމޫން

މިހާރު މިފެންނަނީ ރިޔާސީ ނިޒާމެއްގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ ކަންތައްތަކާއި މެދު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މައުމޫން މިކަންބޮޑުވުން ފާޅުކުރެއްވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ މިހާރު ބަރުލަމާނީ ވެރިކަމެއްގެ ސިފަތަކާއި ކަންކަން ހިނގާ ގޮތް އެއްގޮތް ވެފައިވާ ކަމަށާއި ނަމަވެސް އެއީ ނިޒާމްގައި ވާކަމެއް ނޫން ކަމަށެވެ.
"ބަރުލަމާނީ ނިޒާމަކާއި މިހާރު ވައްތަރުވަނީ އަޅުގަނޑަށް ހީވަނީ ބައެއް ކަހަލަ ކަންތައްތައް ހިނގަމުންދާ ގޮތުން. އެހެންނަމަވެސް އެއީ އަޅުގަނޑުމެންގެ ނިޒާމްގައި ވާކަމެއް ނޫން. މިސާލަކަށް ސަރުކާރުން ކުރާކަމެއް ހަމަ އެދުވަހުން އެދުވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ވޯޓެއް ނަގާ ނުވަތަ މީހުންނާއި ސުވާލުކޮށް، މިކަންތައްތައް ކުރެވޭ ގޮތަކަށް ނޫން އޮންނަނީކީ އަސްލުގައި. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެއް." މައުމޫން ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މައުމޫން ވިދާޅުވީ އެންމެ ކަމުދާނީ ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެންމެ ކަމުދާ ނިޒާމެއް ނޫން ކަމަށެވެ. "ބަރުލަމާނީ ނިޒާމެއްގައި ދެމަސް ފަހުން ވެސް އިސްތިއުފާ ދޭން ޖެހިދާނެ." މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމެންދެން ސަރުކާރާއެކު ދެމިހުންނަވާނެކަމަށާއި، އަދި މި ސަރުކާރު އަލުން އިންތިޚާބުވިޔަސް އެމަނިކުފާނުގެ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ދެމި އޮންނާނީ ސަރުކާރާއެކު ކަމަށެވެ.
"އިރާދަ ކުރެއްވިޔާ ހަމަ އެމްއާރުއެމް ސަރުކާރު ކޯލިޝަންގައި ދެމި އޮންނާނެ. ފަސް އަހަރުވިޔަސް އޭގެ ފަހުން މި ސަރުކާރު އަލުން އިންތިޚާބު ވިޔަސް އަޅުގަނޑުމެން ތިބޭނީ ހަމަ ސަރުކާރާއި އެކީގައި." މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ