ރައްޔިތުން މަޖިލިހުގެ ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު މޫސާ ސިރާޖަށް ވަރަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މިއަދު މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގައި މަނިކުފާނު ވަރަށް މޮޅެތި ވާހަކަފުޅުތަކެއް ދައްކަވައިފީމުއެވެ. އެދެއްކެވި ވާހަކަތައް ނޫސްތަކުން މާ މޮޅު ޤާނޫނީ ޢާލިމަކު އަދި ދުސްތޫރީ ފަޤީހަކު ދައްކަވާނެ ވާހަކަތަކެއްގެ ގޮތުގައި ގެނެސްދީފިއެވެ. މާބޮޑު ޢިލްމެއް ނެތް، ނިކަމެތި، ފުންނާބު އެހާމެ ތިރި އަޅުގަނޑު ހަމަ ދެތިން ސުވާލެއް މަނިކުފާނަށް ދަންނަވައިލާ ހިތްވެއްޖެއެވެ. މަނިކުފާނު ފަދަ ފުންނާބުއުސް ކުޅަދާނަ ވަކީލަކު ދެއްކެވި ބައެއް ވާހަކަތައް ފަހުމުނުވަނީއެވެ. ނުވިސްނެނީއެވެ. އަޅުގަނޑު އުނި ބުއްދިއަށް އެއިން ބައެއް ވާހަކަ އުނިވެފައި ތާކުންތާކުނުޖެހޭ ވާހަކަތަކެއް ކަމުގައި ފެންނަނީއެވެ. އުއްތަމަ ފަނޑިޔާރު ޤާނޫނަށް ޢަމަލުނުކުރައްވާނެ ކަމުގައި ވިދާޅުވި ވާހަކަ މަނިކުފާނު ދައްކަވައިފީމުއެވެ. ޖޭއެސްސީގެ ނިންމުމެއް ބާޠިލުކުރުމުގެ އެއްވެސް ޙައްޤެއް ސުޕްރީމް ކޯޓަށް ލިބިފައި ނޯންނާނެ ކަމުގައިވެސް ވިދާޅުވެއްޖައިމުއެވެ. އަދި ޖޭއެސްސީއިން ޤާނޫނާ ޚިލާފުވުމުން އެކަމެއް ބަލާނީ ރައްޔިތުންގެ މަޖިލިހުން ކަމުގައިވެސް އަޑުއަހަރުކޮށް ވިދާޅުވެ ވަކާލާތުކުރައްވައިފީމުއެވެ. އެކަންކަމާ ގުޅިގެން އަންނަނިވި ދެތިން ނުކުތާއަކީ އަޅުގަނޑު ހިތުން ފާހަގަކޮށްލުން މުހިއްމު ދެތިން ނުކުތާއެވެ. ދުސްތޫރީ ސިޔާދަތު: އަޅުގަނޑަށް އެގިފައިވާ ގޮތުން މަނިކުފާނު ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރެއްވީ އެމްއެންޔޫގައެވެ. ފަހަރުގައި ތަޢުލީމު ޙާޞިލުކުރެއްވިއިރު Constitutional Sovereignty ކިޔަވައިދިން ގަޑީ ކިލާހަށް ހާޒިރުވެވަޑައިނުގަންނަވަނީ ކަމުގައިވެދާނެއެވެ. ޤާނޫނުތައް ވުޖޫދުވަނީ ހައިރާކީއެއް ނުވަތަ ބާރުތަކުގެ ތަރުތީބެއްގެ ތެރޭގައެވެ. އެންމެ މަތީގައި އޮންނާނީ ޤާނޫނު އަސާސީއެވެ. އަމުދުން ލިޔެވިފައިވާ "ރިޖިޑް" ނުވަތަ ހަރު ޤާނޫނު އަސާސީއެއް އޮންނަ ޤައުމެއްގައިނަމަ، ޤާނޫނު އަސާސީގެ އުޞޫލުތަކާއި ހަމަތައް، އަދި ކަނޑައެޅިފައިވާ ދުސްތޫރީ އޮނިގަނޑުތައްވެސް ހުންނާނީ ޤާނޫނުތަކަށްވުރެ މަތީގައެވެ. ޤާނޫނުތައް ހުންނާންޖެހެނީ، މިދެންނެވުނު ހަމަތަކުގެ މަތީގައެވެ. މިއަށް މިކިޔަނީ ދުސްތޫރީ ސިޔާދަތެވެ. ދުސްތޫރީ ސިޔާދަތަށް ޢަމަލުކުރާ ޤައުމުތަކުގެ ދުސްތޫރީ ނިޒާމުގައި ޢަމަލުކުރާ އިތުރު މަބްދައެއްވެސް އޮވެއެވެ. އެއަށް ކިޔަނީ Judicial Review of constitutionality ޤާނޫނުތަކުގެ ދުސްތޫރިއްޔަތުކަން ކަނޑައެޅުމެވެ. މިއީ ޤާނޫނު އަސާސީއިން ވަކި ޚާއްޞަ މުއައްސަސާއަކަށް ހަވާލުކުރާ ޒިންމާއެކެވެ. ބައެއް ޤައުމުތަކުގައި ޚާއްޞަ ދުސްތޫރީ ކޯޓުތައް އެކަމަށް ޤާއިމުކޮށްފައިހުރެއެވެ. އަނެއްބައި ޤައުމުތަކުގައި އެކަމަށް ސުޕްރީމު ކައުންސިލްތައް އުފެއްދިފައިހުރެއެވެ. މިކޯޓުތަކުގެ ޒިންމާއަކީ ސިޔާސީ ދެބާރުން ހަރަކާތްތެރިވަނީ ޤާނޫނު އަސާސީގެ އިމުގައިކަން ކަށަވަރުކުރުމެވެ. އެއީ ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަމާ ގުޅިފައިވާ ޤާނޫނުތަކާމެދު ގޮތް ނިންމުމުން ފެށިގެން ގޮސް، ދައުލަތުގެ ބާރުތައް އެއްބާރު އަނެއްބާރާ މުޢާމަލާތްކުރުމުގައިވެސް ޤާނޫނު އަސާސީއަށް އިޙުތިރާމުކުރާކަން ކަށަވަރުކުރުމެވެ. މިދެންނެވުނު ވާހަކަތަކަކީ ޤާނޫނު ޢިލްމުގެ އަލިފާއި ބާ ކިޔަވާ މީހަކަށްވެސް އެނގޭނެ ކަންކަމެވެ. ޚާއްޞަކޮށް ޕަބްލިކް ލޯ ނުވަތަ ޢާންމު ޤާނޫނުގެ ދެތިން ފޮތެއް ބަލައިނުލިޔަސް، އެންމެ ފޮތެއްގެ ފުރަތަމަ ހައެއްކަ ޞަފުޙާ ބަލައިލިއަސް އެނގޭނެ ކަމެކެވެ. އަޅުގަނޑު ޤަބޫލުކުރަނީ މަނިކުފާނަށްވެސް މިކަންކަން އެނގިވަޑައިގަންނަވާނެ ކަމުގައެވެ. ދެން އޮތީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އެޤާނޫނު އަސާސީގައި ކަންކަން ތަރުތީބުކުރެވިފައިވާ ގޮތެވެ. ޤާނޫނު އަސާސީގެ 8ވަނަ މާއްދާގައި ސާފުކޮށް ބުނެފައިވަނީ ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިންނެވެ. މިޤާނޫނު އަސާސީގެ ސިޔާދަތު މިއޮތީ ވަރަށް ސާފުކޮށް ލިޔެފައެވެ. ދެން އޮތީ އެސިޔާދަތު ކަށަވަރުކުރުމުގެ ބާރެވެ. އެބާރު އޮތީ ކޮންފަރާތަކަށްތޯއެވެ؟ މަނިކުފާނު އެކޮމިޓީއެއްގައި ތިޔަ އިންނަވާ ޖުޑީޝަރީ ކޮމިޓީއަށްތޯއެވެ؟ ނުވަތަ ރައްޔިތުން މަޖިލިހަށްތޯއެވެ؟ ރައީސުލްޖުމްހޫރިއްޔާއަށްތޯއެވެ؟ ޤާނޫނު އަސާސީގެ 143ވަނަ މާއްދާގެ ހ.ގައި މިސުވާލުގެ ޖަވާބު ކަޅާއި ހުދުން ލިޔެފައި އެބަ އޮތެވެ. އެމާއްދާގައި ބުނެފައިވަނީ ރައްޔިތުން މަޖިލިހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށް ކަމުގައެވެ. އަދިވެސް ޤާނޫނު އަސާސީގެ 144ވަނަ މާއްދާ ބައްލަވާށެވެ. ވިދާޅުވެލައްވާށެވެ. އެމާއްދާގެ ހ. ފުންކޮށް ވިސްނަވަމުން ވިދާޅުވާށެވެ. ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒިފަކުކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެޚިލާފުވާ މިންވަރު އެއީ ބާޠިލު އެއްޗެއް ކަމުގައި ކަނޑައެޅުން އެއީ ކޮންމެ ކޯޓަކަށްމެ އެކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ލިބިގެންވާ ބާރެއް ކަމުގައެވެ. މިވީ ގޮތެއް އެނގިވަޑައިގެންފިތޯއެވެ؟ ޖުޑީޝަލް ސާރވިސް ކޮމިޝަނަކީވެސް ދައުލަތުގެ މުއައްސަސާއެކެވެ. އެއީވެސް ދައުލަތުގެ އިދާރާއެކެވެ. އެއިދާރާގެ މައްޗަށް ޤާނޫނު އަސާސީ ނުހިނގާނެ ކަމުގައި ނުވަތަ އެއިދާރާއިން ނިންމާ ނިންމުމެއް ޤާނޫނު އަސާސީއާ ޚިލާފުވީނަމަވެސް އެފަދަ ނިންމުމެއް ސުޕްރީމް ކޯޓަށް ބާޠިލުނުކުރެވޭނެ ކަމުގައި މަނިކުފާނު ތިޔަ ވިދާޅުވަނީ މިމާއްދާތައް ލިޔެވިފައި އޮތް ޤާނޫނުއަސާސީ ކުރިފުޅުމަތީ ބާއްވަވައިގެންނެވެ. ހުޅުއްވައި، ބައްލަވައި، ވިދާޅުވާށެވެ. ޤާނޫނުއަސާސީއާ ސުޕްރީމު ކޯޓުގެ ދައުރާއި ޖޭއެސްސީގެ އިޚުތިޞާޞް: ޤާނޫނުއަސާސީއަކީ ރައްޔިތުންގެ ޖަމާޢީ އިރާދާއެވެ. (Culminated will) އޭގައި އެވަނީ ދިވެހިރާއްޖޭގެ ބާރުތައް ހަރަކާތްތެރިވާންޖެހޭނެ މިންގަނޑުތަކާއި ހިފަހައްޓާންޖެހޭނެ އުޞޫލުތަކާއި ބާރުތަކުގެ އިޚުތިޞާޞު ބަޔާންކޮށްފައެވެ. ޤާނޫނު އަސާސީއިން ދީފައިނުވާ ބާރެއް ދައުލަތުގެ ބާރަކުން ނުވަތަ މުއައްސަސާއަކުން ހޯދުމަކީ އެބާރެއްވެސް ބާޠިލުވާނެ ކަމެކެވެ. އެއީ ޤާނޫނުއަސާސީގެ ސިޔާދަތު ހިނގާނަމައެވެ. ދައުލަތެއްގައި ޤާނޫނު އަސާސީގެ ސިޔާދަތު އޮތުމުގެ މާނައަކީ ދައުލަތުގެ ބާރުތަކާއި އިދާރާތަކާއި ޢާންމު ފަރުދުންވެސް އެޤާނޫނުއަސާސީގެ އިމުގެ ތެރޭގައި ތިބުމެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އިޚުތިޞާޞް ލިބިގެންވަނީ ކޯޓުތަކަށް ކަމުގައި ޤާނޫނު އަސާސީގެ 141ވަނަ މާއްދާގައި ބުނެފައިވެއެވެ. އަދި އެމާއްދާގެ ށގައި ބުނެފައިވަނީ ސުޕްރީމް ކޯޓަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތްކަމުގައެވެ. މިޢިބާރާތާމެދު މަނިކުފާނު ވިސްނަވައިލައްވާށެވެ. އެބުނަނީ ވަރަށް ސާފުކޮށް އެކޯޓަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތްކަމުގައެވެ. އެބާރުގެ އެންމެ އިސްފަރާތްކަމުގައެއް ނޫނެއެވެ. މުޅި ޢަދުލު އިންސާފު ޤާއިމުކުރުމުގެ އިޖުރާއާތުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމުގައެވެ. އެހެންކަމުން ކޯޓުތަކުގެ އިދާރީ ހިންގުން ބައްޓަންކުރުމާއި، ޤަޟާއީ ސިޔާސަތުތައް (ޖުޑިޝަލް ޕޮލިސީ) އެކުލަވައިލުން ފަދަ ކަންކަމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އިސްފަރާތުން ކުރާންޖެހޭ ކަންކަމެވެ. އެކަންކަން ކުރުމުގެ އިޚުތިޞާޞާއި ބާރު ލިބިފައި އޮންނާނީވެސް ސުޕްރީމް ކޯޓަށެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޒިންމާތައްވެސް ހަމަ ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ. އެއީ އެޤާނޫނު އަސާސީގެ 159ވަނަ މާއްދާގެ އަކުރުތަކުގައެވެ. އެއީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންނާއި، ޤާޒީންނާއި މެޖިސްޓްރޭޓުން ޢައްޔަންކުރުމެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. އަދި ޤާނޫނު އަސާސީގައި ބަޔާންވެފައިވާ ޤަވާޢިދުތައް ހެދުމެވެ. މަނިކުފާނެވެ. ޖޭއެސްސީއަކީ ސުޕްރީމުކޯޓުގެ މައްޗަށް އުފައްދާފައިވާ ކޯޓެއް ނޫނެވެ. އެއީވެސް ދައުލަތުގެ އިދާރާއެކެވެ. އެއިދާރާގެ އިޚުތިޞާޞުން ބޭރުވެ، ސުޕްރީމްކޯޓުގެ ނިންމުންތަކާމެދު ބަސްބުނެ، ފަނޑިޔާރުންގެ އިޚުތިޞާޞުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކާމެދު ސުވާލުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. އެކަމަކު ޖޭއެސްސީއިން ބަލަމުން އަންނަނީ މުޅިންވެސް މިބާވަތުގެ މައްސަލަތަކެވެ. އެހެންވީމާ ޤާނޫނު އަސާސީއާއި ޕަބްލިކް ލޯ (ޢާންމު ޤާނޫނު)ގެ އެންމެހައި އުޞޫލުތަކާއި މިންގަނޑުތަކުން ނުކުމެގެން އުޅެނީ ޖޭއެސްސީއެވެ. ޝަރުޢީދާއިރާއާމެދު ރައްޔިތުންގެ ހިތުގައި ސިޔާސީވެރިން އުފައްދާފައިވާ އުދާސްތަކާއި، އަދި ރައްޔިތުންގެ ހިތްތަކުގައި ހުރި ރަނގަޅު ޝައްކުތަކުގެ ބޭނުން ހިފައިގެން ޤާނޫނުއަސާސީގެ އިމުން ބޭރުން، ޝަރުޢީދާއިރާގެ އިޚުތިޞާޞަށްވަދެ، ސުޕްރީމް ކޯޓު ގިއްގަޅުވައިގެން އުޅެނީ ޖޭއެސްސީއިންނެވެ. އެހެންކަމުން ޖޭއެސްސީއަށް ބެލުމަށް ބާރުނެތް މައްސަލައެއް ބަލާނަމަ، އެކަމުގައި އެކުރަނީ ޣައިރު ދުސްތޫރީ ކަމެއްކަމުގައިވާތީ، އެތަނަށް ވަޑައިނުގެންނެވުމުގެ އިޚުތިޔާރު އުއްތަމަފަނޑިޔާރަށް، އަދި ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނުއަސާސީއިން ދީފައި އެބައޮތެވެ. އެޤާނޫނުއަސާސީގެ 64ވަނަ މާއްދާގައި ބުނެފައިވާ ޣައިރުޤާނޫނީ އަމުރަށް ކިޔަމަންނުވުމުގެ ޙައްޤު ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ނޯންނާނެ ކަމުގައި މަނިކުފާނު ނިންމެވި، ދުސްތޫރީ ހަމައަކީ ކޮބައިތޯއެވެ؟ އަދި ޖޭއެސްސީގެ އަމުރު ޣައިރުޤާނޫނީކަން ނުވަތަ ނޫންކަން ނިންމާނީ މަޖިލިހުން ކަމުގައި ވިދާޅުވެ، މަޖިލިހަށް އިސްތިއުނާފީ، އަދި ދުސްތޫރީ ކޯޓެއްގެ ބާރު ތިޔަދެއްވީ ކޮން ދުސްތޫރީ އަސާސަކުންތޯއެވެ؟ "ފުންނާބު އުސް" ނަންފުޅުގެ ކުރިއަށް "އަލްއުސްތާޛު" ލައްވައިގެން އުޅުއްވާ ބޮޑެތިކަމަށް ދަޢުވާކުރައްވާ ލޯޔަރުންވެސް ވާހަކަފުޅުދެއްކެވުމުގެ ކުރިން ދުސްތޫރީ ފިޤުހު (Constitutional Jurisprudence)ގެ އެންމެ އަސާސީ މިންވަރު ހަދުމަފުޅުނައްތަވައިލެއްވުން އެއީ ހިތާމަވެރި ކަމެކެވެ. ޤާނޫނުއަސާސީގެ ވާހަކަދައްކާނަމަ، އެމިންވަރަށް ދުސްތޫރީ ފިޤުހު ފަހުމުވެފައިހުރުމަކީ ލާޒިމުކަމެކެވެ.
މިލިޔުން ކިޔާލުމުން
63 %
އުފާވި
9 %
ދެރަވި
18 %
ރުޅިއައި
11 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މޫސާ ސިރާޖް
ސޮރީ. މަށަށް އޭރު ނޭނގުނީ ވާނުވާ. މަހުންނަނީ ހަމަޔަކު ނޫން ބައެއްފަހަރު. ސޫލާ ޝިރާޒްގަ ޖެހިގެނ އުޅެނީ.
REPLY
ޢިސާފުޅު
މިއާޓިކަލް ކިޔާލަން މާކަ ގޯހެއްނޫން. މުރައްކަބު ޖާހިލުންގެ ދަރަޖައިގައި ޤާނޫނު މާނަކޮށްގެން އަޞްލާ އެޞޫލު އޮޅުވާލައިގެން އަނެކާއަށް ފުރައްސާރަ ކުރެވޭ ކޮލިޓީ ހުރިކަމަކަށް ނުދެކެން. ތިޔަވިދާޅުވީ ޤާނޫނުގެ ޢާއްމު މަފްހޫމްތައް، ދިމާވެގެން އުޅޭ އަޞްލު މައްސަލައާއި ސަބަބު އެގިނުލައްވާ، އެޗިހިތަކެއް ލިޔުނަކަސް އާރެއްނުލާނެ. ރައްޔިތުންނަށް ދިފާޢެއް ނެތްގޮތުގައި ބެދިފައިތިބެން ޖެހޭގޮތަށް ޤާނޫނު ފާސްކޮށްގެން ތިބީކަކަމަށް ބެއްލެވުން ރަގަޅެއްނޫން... ސްޕްރީމް ކޯޓުން ސްޕްރީމްކޯޓްގެ ނިންމުން ގޯސްކަމަށް ކަނޑައެޅީމައި، 5 މީހުންގެ އިއްތިފާޤަށްވުރެ 3 މީހުންގެ އަޣްލަބިއްޔަތު ވަރުގަދަ ކަމަށް ނިންމީމަ، އެޙާލަތުގައި ރައްޔިތުންގެބާރު ތެދުވާން ޙައްޤުލިބޭކަން ޤަބޫލު ކުރަންޖެހޭނެ. ޢެޙާލަތުގައި ޖޭއެސްސީގެ ނިންމުން އެފަނޑިޔާރުންގެ އަމިއްލަ މަޞްލަތުގައި ބަލާ އެމީހުންގެ ނިންމުންތަކަށް 3 ވަނަ ފަހަރަށްވެސް އެމީހުން އަމިއްލައަށް ގޮތް ނިންމޭނަމަ ތިޔަށްވުރެ ޖޯކް ވާހަކައެއް ހޯދާނީ ކޮންތާކުން...
REPLY
ޢީސާފުޅު
ޢެޑިޓަރ ޤާނޫނު ކިޔަވާ ވިދާޅުވީ ޑރ.ޖަމީލް ކިޔެވި ފޮތްބައިންކަމަށް ވ.ބޮޑަށް އެބަހީވޭ... ޑައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ޖޭއެސްސީ އަކީ ފަނޑިޔާރުން ޢައްޔަންކުރާ، ފަނޑިޔާރުން ޢައްޔަންކުރަން ލަފާއަރުވާ އަދި ވަކިކުރަން ހުށައަޅާ ޖުޑިޝަރީގެ މައިތަނބު..، ކޮލަބު ޖަމިއްޔާގެ ވިސްނުމުން ވިސްނުމަކީ ވަރަށްހަނި ވިސްނުމެއް...
REPLY
ޙައްވާފުޅު
މި ލިޔުމަކީ ވަކިބަޔަކު ރަނގަޅޭ ބުނަން ވަކި ބައެއްގެ ދިފާއުގައި ލިޔެފަިވާ ލިޔުމެއްކަން ވ ބޮޑަށް ދޭހަވޭ. ތިޔަކަހަލަ ލިޔުންތެރިން މި ޤައުމުގައި ގިނަވާތީ ފަސާދަ ހައްދުފަހަނަ އަޅާގެން މިދަނީ.
REPLY
ފަނޑިޔާރު
ބައްލަވާ ލިޔުމުގައި ތިޔަ ވިދާޅުވާ ކަންކަމަކީ މިއަހަރަށް އެކަނި އޮތް ކަމެއް ތޯ؟
ނީލަމެއްގައި ތަކެތީގެ އަގު ބަދަލުވާހެން ސުޕްރީމް ކޯޓުގެ ހުކުމްތައް ދެއިރު ދެދަޅައަށް ބަދަލު ވުމާއި ބޮޑު ކުންފުންޏެއްގެ ވިޔަފާރިއެއްހެން ހުކުމްތައް ގަނެވިއްކިއިރުވެސް ތިޔަ ވިދާޅުވާ ކަންކަމެއް ނެތްތޯ؟
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުތައް ނަގައިގެން ވަދެ ފަނޑިޔާރުން ދަމާކޫއްތާފަ ގެންދިއުމަކީވެސް ތިޔަ ވިދާޅުވި ހަމައިގެ ތެރެއިން ބަރާބަރު ކަންތައް ތޯ؟
ތިޔަ ލިޔުމަކީ ރަނގަޅު ލިޔުމެއް ކަމަށް ގަބޫލު ކުރާނަމަ ވަގު ޔާމީނު ޖަލަށް ލާން ޖެހޭނެ ކަމަށް ފުރަތަމަ ލިޔަންވީނު
REPLY
ރެރރރރރރއަލިފުތާ
ސި ރާޖު އެވިދާޅުވީ ރަނގަޅަށް. ސިޓީލިއުނު މީހާ ތިހި ރީ ގާޒީކަމުގެ ސަނަދު ނަގައިގެންހެންހީވޭ.
REPLY
ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު މޫސާ ސިރާޖަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ