މިމަހުގެ ކަރަންޓް ބިލް ތައްޔާރުކުރާނީ ހެޔޮކުރި ރޭޓްތަކަށް: ސަރުކާރު

ފެބްރުއަރީ މަހުގެ ކަރަންޓް ބިލް ތައްޔާރުކުރާނީ އަގުހެޔޮކުރި ރޭޓްތަކަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ރޭ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ދެމެހެއްޓެވި ގޮތަކަށް ހުރިހައި ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ޟޯރުކޮށްދެވޭނެ އުޞޫލަކުން ކަންކަން ނިންމުމަށް ކަމަށެވެ.
މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަރަންޓް ބިލަށް ސަރުކާރުން ބޮޑުކުރި ބައި އިޞްލާޙްކޮށް އަލުން އެކުލަވައިލާ ޓެރިފް ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އިއުލާނުކުރެވޭވަރު ވާނެ ކަމަށްވެސް ޠާރިޤް ވަނީ ވިދާޅުވެފައެވެ.
ޠާރިޤް ވިދާޅުވީ ކަރަންޓުގެ އަގުހެޔޮކުރުމަށް ސަރުކާރުން ހިންގާ އެންމެ މުހިންމު މަސައްކަތަކީ ތެލަށް ބަރޯސާވުން ކުޑަކޮށް އިޢާދަކުރަނިވި ހަކަތަ އިތުރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަމިއްލަ ފަރާތްތަކުންވެސް އިޢާދަ ކުރަނިވި ހަކަތަ އުފެއްދުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ކަންތައްތަކެއް މިހާރުވެސް ފަހިކޮށްދެއްވައިފައިވާނެކަން ޠާރިޤް ވަނީ ފާހަގަކުރައްވައިފައެވެ.
ގޭގޭގައި އަމިއްލައަށް އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް އެތެރެކޮށް އެސްޓީއޯ އިން ވަރަށް އަވަހަށް ވިއްކަން ފަށާނެއެވެ. އަދި އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގައި ޤާއިމުކޮށްފައިވާ އެކަމަށް ޚާއްޞަ 500 މިލިއަން ރުފިޔާގެ ފަންޑުން ފައިސާ ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ