ބަޔާންގެ މައްޗަށް ކުރި ހޯދާ ޖަރުމަނު ސުޕަރ ކަޕް ޑޯޓްމަންޑް އިން ކާމިޔާބުކޮށްފި

0-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދާ ޖަރުމަނު ސުޕަރ ކަޕްގެ ޗެމްޕިއަންކަން ބްރޫޝިއާ ޑޯޓްމަންޑް އިން ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޖަރުމަނު ސުޕަރ ކަޕް ވެސް ބަޔާންގެ މައްޗަށް ކުރި ހޯދާ ކާމިޔާބުކުރީ ޑޯޓްމަންޑް އިން ކަން ފާހަގަކޮށްލަންޖެހެ އެވެ.
ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެ ޑޯޓްމަންޑް އިން ވަނީ ބަޔާންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އެގޮތުން މެޗުގެ 23 ވަނަ މިނެޓްގައި ޑޯޓްމަންޑް އިން ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. އައުބަމެޔަންގް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ހެންރިކް މިޙްތަރްޔަން އެވެ.
މިރޭގެ މެޗުގައި ބަޔާން އިން ވަނީ ކުރިން ޑޯޓްމަންޑަށް ކުޅުނު ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބާޓް ލެވެންޑޯސްކީ ވެސް އަރުވާފަ އެވެ. ނަމަވެސް އޭނާއަށް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. މި ގޯލަށްފަހު ވެސް ޑޯޓްމަންޑް އިން ބަޔާންގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
ޑޯޓްމަންޑްގެ ދެވަނަ ގޯލްޖެހީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ. ލޫކަސް ޕިޒެކް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ޑޯޓްމަންޑަށް ކާމިޔާބުކޮށދިނީ އެޓީމުގެ ފޯވާޑް ޕިއެރޭ އެމްރިކް އައުބަމެޔަންގް އެވެ.
މިއީ ޑޯޓްމަންޑް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި 6 ވަނަ ފަހަރުކަން ފާހަގަކޮށްލަންޖެހެ އެވެ. މީގެކުރިން އެ ޓީމް ވަނީ މި މުބާރާތް 1989،1995،1996،2008 އަދި މިދިޔަ އަހަރު ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ