އިސްރާއީލުން ޝަހީދު ކޮށްލި މީހުންގެ އަދަދު 641 އަށް

އިސްރާއީލްގެ ލާއިންސާނީ އުދުވާނުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 641 އަށް އަރާ ޒަހަމްވި މީހުންގެ އަދަދު 4000 އަށްވުރެ މައްޗަށް އަރައިފި އެވެ.
ބުދަ ދުވަހު ފަލަސްތީނުގެ ސިއްހީ ފަރާތްތަކުން އާންމުކުރި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް އިސްރާއީލުގެ ލާއިންސާނީ ހަމަލާ ތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 641 އަށް އަރާފައިވާއިރު މީގެ ތެރޭގައި ގިނައީ ކުށެއް ނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.
އދ.ގެ ހިސާބުތަކުން ވެސް މިގޮތަށް ދައްކާއިރު އދ.ގެ ރެފިއުޖީ ކޭމްޕުތަކުގެ އެހީ މިހާތަނަށް 118300 މީހަކު ހޯދާފައިވާ ކަމަށްވެސް އެ ހިސާބު ތަކުގައި ވެއެވެ.
އަދި ހަމަލާތަކުގައި ޣައްޒާގެ 43 އިންސައްތައަށް ގެއްލުން ވެފައިވާ ކަމަށް ވެސް އދ އިން ބުނެއެވެ.
އަންގާރަ ދުވަހުގެ ހަމަލާ ތަކުގައި އިސްރާއީލާއި ދެކޮޅަށް މުޒާހަރާ ކުރި ބައެއްގެ ތެރެއަށް ބަޑި ޖަހާ އެކަކު ވަނީ މަރާލާފައެވެ.
އިސްރާއީލުން ބުނެފައި ވަނީ މިހާތަނަށް ފަލަސްތީނުގެ 170 "ޓެރަރިސްޓަކު މަރާލެވިފައި" ވާ ކަމަށާއި ހަމާސް އިން އިސްރާއީލަށް ދިން ހަމަލާ ތަކުގައި މިހާތަނަށް ޖުމްލަ 30 މީހަކު މަރުވެފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 28 މީހަކާއި އާންމުންގެ 2 މީހަކު ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން އެމެރިކާ އަދި ޔޫރަޕުން މިހާރު ވަނީ ވައިގެ ދަތުރުތައް ކުރުން ފަލަސްތީނަށް ހުއްޓާލާފައެވެ.
އިސްރާއީލާއި ފަލަސްތީނުގެ މަސްރަހު ބޮއްސުން ލާފައި ވާއިރު ބައިނަލްއަޤްވާމީ ބޮޑެތި ބާރު ތަކުން ދަނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލައި ސުލްހަ ވުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ