ދެ ކުދިން މަރާލި ހާދިސާ އާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލުމުން މައުމޫން ހަމީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

މިމަހުގެ 3 ވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީގައި 2 ކުއްޖަކު މަރުވުމާއި ގުޅިގެން އެ ރޭ ހައްޔަރުކުރި 19 މީހުން ދޫކޮށްލުމުން މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މައުމޫން ޙަމީދު ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ "މީހުން މެރުމުގެ ހާދިސާތަކާއި ގުޅިގެން މައްސަލަ ހައްލު ކުރާނެ އިންޓެލް ރިޕޯޓްތަކާއި ސިއްރު ހެކިން ނުލިބޭ. އެހެން ނޫން ނަމަ ބައިރުފިޔާއަށް ކިލޯއެއް."
މިމާރާމާރީތަކާއި ގުޅިގެން ފުލުހުން އެރޭ ހައްޔަރުކުރި 19 މީހުން ފުލުހުން ވަނީ ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލައިފައެވެ. ފުލުހުން ބުނެފައިވަނީ އެމީހުން ދޫކޮށްލީ އެކަށީގެންވާވަރަށް ހެކި ނުލިބުމުން ކަމަށެވެ.
މިހާދިސާތަކަށްފަހު ވިދިގެން އައި ހޮނިހިރު ދުވަހުވެސް ވަނީ މާރާމާރީއެއް ހިންގައި 24 އަހަރުގެ ޒުވާނެއްގެ ފަޔަށް ވަޅިހަރައިފައެވެ.
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް މިއަދު ވިދާޅުވީ މިހާދިސާ އާއި ގުޅިގެން އެރޭ ހައްޔަރުކުރި 19 މީހުން ހައްޔަރުކުރީ ސީދާ އެ މާރާމާރީތަކާއި ގުޅިގެން ނޫން ކަމަށާއި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ