ށ އަތޮޅުގައި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ށ އަތޮޅުގައި އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ށ. އަތޮޅު ކައުންސިލް އިން ނިންމައިިފި އެވެ.
ށ. އަތޮޅު ކައުންސިލް އިން ބުނީ އެ އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން އަންނަަ މަހުގެ ފަސް ވަނަ ދުވަހު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތަކީ އެ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކުޅިވަރު ރޫހު އާލާކޮށް، އަތޮޅު ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީ، ގައުމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުމުގެ އަޒުމުގައި އެ ކައުންސިލް އިން ބާއްވާ މުބާރާތެއް ކަމަށެވެ.
"މުބާރާތުގެ މަގްސަދަކީ ށ.އަތޮޅު ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ދިރުވައި، އަތޮޅު ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދީ، ދަރިވަރުންގެ ހިތްތަކުގައި ގައުމީ، ވަތަނީ ރޫހު އާލާކޮށް އެއްބައިވަންތަ ކުރުވައި،ކުޅިވަރުގެ ތެރެއިން ކިޔެވުމަށް ޝައުގުވެރިކުރުވައި، ސްކޫލުތަކުގެ ތަރައްގީ އަށް ކުރެވޭ ތަފާތު މަސައްކަތުގައި ދަރިވަރުންގެ ބައިވެރިވުން ލިބޭ މިންވަރު އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދީ، ގައުމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުން،" ށ. އަތޮޅު ކައުންސިލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި މުބާރާތުގައި ށ. އަތޮޅުގެ ހަ ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ފުނަދޫ ސްކޫލާއި މިލަންދޫ ސްކޫލާއި ފޯކައިދޫ ސްކޫލާއި ފޭދޫ ސްކޫލާއި ޅައިމަގު ސްކޫލް އަދި ނަރުދޫ ސްކޫލެވެ.
ށ. އަތޮޅު ކައުންސިލް އިން ބުނީ މި މުބާރާތުގެ މެޗުތައް ކުޅޭނެ ދެ ރަށެއް ކަނޑައަޅާނެ ކަމަށާއި މެޗުތައްް ކުޅޭނެ ދެ ރަށެއް ކަނޑައަޅާނީ ބިޑް އުސޫލުން އާންމުކޮށް ހުޅުވާލުމަށް ފަހު، މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި އިންތިޒާމްތަކަށް އެންމެ ރަނގަޅު ހުށަހެޅުމަކަށް ބެލުމަށް ފަހު ކަމަށެވެ.
މި މުބާރާތަށް 211،970ރ ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ށ.އަތޮޅު ކައުންސިލް އިން ބުނެ އެވެ. އަދި މިއީ ކައުންސިލް އިން ހިންގާ ވިޔަވަތި ޓްރަސްޓް ފަންޑްގެ ޕްރޮގްރާމްތަކުން ވޭތުވެދިޔަ އަހަރު ލިބުނު ފައިދާއިން ޚަރަދުކުރުމަށް ކަނޑައެޅުނު ފައިސާ ކަމަށް ކައުންސިލް އިން ބުނެ އެވެ. .
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7000ރ ވަނީ ހުށަހަޅައިފަ އެވެ. އަދި ފެއާ ޕްލޭ ޓީމަށް 5000ރ ވަނީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 4000ރ ގެ އެލަވަންސެއް ދީ، މުބާރާތުގެ މެޗުތައް ކުޅޭ ރަށަކަށް ކުރާ ދަތުރުގެ ހަރަދު ވެސް ދިނުމަށް ކައުންސިލް އިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ