ރައްޔިތުންގެ މަޖިލީހުގެ ރ.އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީއަށް ވަޅިން ޙަމަލާދީ، ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި މައްސަލަ ކުށްވެރިކޮށްލުމުން ނުފުދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގައި ހުންނަވައި ވީނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ ލަސްވުމެއް ނެތި ޤާނޫނީ މުޢައްސަސާތަކުން މަސައްކަތްކޮށް މިކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ޢަދުލުވެރިކަމާއެކު އެމީހުންނާއި މެދު އަދަބު ދެވެން ދެޖެހޭނެ ކަމަށެވެ.
"މިކަން ކުށްވެރި ކުރުމަކުން ހަމައެކަނި ނުފުދޭ. ލަސްވުމެއް ފަސްވުމެއްނެތި ޤާނޫނީ މުޢައްސަސާތަކުން މަސައްކަތް ކުރަންޖެހޭ. މިކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ޢަދުލުވެރިކަމާއެކު މަސައްކަތް ކުރަންޖެހޭ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވަނީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ މިކަމުގެ ހިތާމައިގައި އެމަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
"ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން. މިކަމުގެ ހިތާމައިގައި އެމަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިބާވަތުގެ އަމަލުތައް ހިންގަމުންދަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ މީހުން ކަމަށާއި ޤާނޫނުތަކަށް ޢަމަލުކުރެވި، ޢަދުލުއިންސާފު ޤާއިމްކުރެވިގެން ނޫނީ މިކަން ނުހުއްޓުވޭނެ ކަމަށެވެ.
"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މިބާވަތުގެ ނުބައި ޢަމަލުތައް ހިންގާ ފަރާތްތައް ރިޕޯޓްކޮށް، ސާބިތުވެ ތިއްބަވާށޭ." ގާސިމް ޖަރުމަންވިލާތުގައި ހުންނަވައި ވީނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު ފުލުހުން މިކަން އަދި ކަށަވަރުކޮށްނުދެ އެވެ.
އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ކުށްވެރިކުރުމަކުން ނުފުދޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ