މައުމޫންގެ މަސައްކަތްތަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވަޙީދު ހެއްދެވުން - ނަޝީދު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތްޕުޅުކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ މިހާރު ވެރިކަމުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި ހެއްދެވުމަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ 3 ވަނަ ޖަލްސާގައި ރޭ ފޯކައިދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަރަށް ޔަގީން ކަމާއެކު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރައްވަން 30 އަހަރުގެ ޚުދުމުޚްތާރު ވެރިޔާ މައުމޫނު އަބްދުލް ގައްޔޫމް ނިކުމެވަޑައިނުގަންނަވާނޭ ކަމަށެވެ.
މީގެ އިތުރުން ޑރ.ވަހީދު ނުވަތަ އެހެން ބޭފުޅަކު އެމަނިކުފާނާ ވާދަކުރައްވަން ނިކުމެވަޑައިގެންނެވި ނަމަވެސް ސާދާ ކަމާއެކު ވަރަށް ފަސޭހައިން “ކިހިލި ޖަހައިގެން” އެއްބުރުން އެ ކެންޑިޑޭޓަކު ބަލިކުރައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑރ. ވަހީދާ މެދު ކުރެވޭ ބޯރޑަރ ކޮންޓްރޯލް ސިސްޓަމުގެ ކަރަޕްޝަންގެ ތުހުމަތަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މި ހުރިހާ ދުވަހު ވެސް ނައިބު ރައީސަކު އައްޔަންނުކޮށް ހުންނެވީ “ބަޣާވާތެއް ކާމިޔާބުކުރުމަށް ބޭވަފާތެރި ނައިބު ރައީސެއް ބޭނުންވާކަން މައުމޫނަށް ވިސްނިވަޑައިގަންނަވާތީ” ކަމަށެވެ. އަދި އެންމެ ފަހުން ގާނޫނު އަސާސީގައި ލިޔެ ނައިބު ރައީސަކު ހޮވުމުން އެ ނައިބު ރައީސް މެދުވެރިކޮށް މައުމޫން މިވަނީ ބަޣާވާތެއް ގެންނަވާފައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ފޯކައިދޫގެ ތަރައްގީގެ މަޝްރޫއުތައް ނުހިންގި ވަނީ ބަޣާވާތަކުން ވެރިކަން ބަދަލުކުރުމުން ކަމަށާއި، އިރާދަކުރެއްވިއްޔާ ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ފޯކައިދޫ ބަނދަރު ހަދައި، ނަރުދަމާ އަޅައި، ފޯކައިދޫ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް، އެރަށުގެ ދަނޑުވެރިކަން ތަރައްގީކޮށް، ވަޒީފާ އުފައްދަވައިދެއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ފޯކައިދޫ ދަނޑުވެރިންނަށް ކުޅުދުއްފުއްޓަށް ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކޭނޭ އިންތިޒާމް ހަމަޖައްސައި، ކުޅުދުއްފުއްޓާއި އެރަށާ ފެރީގެ ނިޒާމުން ގުޅާލެވިފައިވީ ނަމަވެސް ފެރީގެ ނިޒާމް މިހާރު ހުއްޓާލާފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ދޭދޭ ގައުމުތަކާއި އަވައްޓެރި ގައުމުތަކާ ރާއްޖެއާ ދެމެދު ގުޅުން ގޯސްވެފައިވަނީ ޚާރިޖީ ސިޔާސަތު ގޯސް ވެގެން ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުގައި ވެސް އަދި އޭގެ ކުރިން ވެސް ޚާރިޖިއްޔާ އާއި ހަވާލުވެ ތިއްބެވި ބޭފުޅުން އެކަން ވަރަށް ވިސްނުންތެރިކަމާ އެކު ވަރަށް ރަގަޅަށް ހިންގަވާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރުންނަށް ރައީސް ނަޝީދު ތައުރީފް ކުރެއްވިއެވެ.
މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ދާއިރާ ގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ގައުމީ ސަލަމާތަށް ނުރައްކާވާ ގޮތަށް އިންޑިއާގައި ވާހަކަދެއްކެވި ކަމަށް މިހާރުގެ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ވިދާޅުވާ ވިދާޅުވުން ކުށްވެރިކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޒަކީ ކުރައްވަމުން އެގެންދަވާ މަސައްކަތަކީ އެމަނިކުފާނަށް އިތުރު ލަގަބެއް އެރުވުން ހައްގު މަގާމެއް ކަމަށާއި، އެމަނިކުފާނު އެ ކުރައްވާ މަސައްކަތަކީ ހީނަރުވެފައިވާ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަގަޅުކުރުމުގެ މަސައްކަތް ކަމަށެވެ.
ފޯކައިދޫގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ