ރާއްޖޭގެ އިސްލާމްވަންތަކަން ނަގާލަން މަސައްކަތް ކުރާ ބަޔަކާއި އެއްކޮޅު ނުވެވޭނެ - ޝައިހް އަބްދުﷲ

ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، ސައްތައިންސައްތަ އިސްލާމްވަންތަކަމާއި އިސްތިޤްލާލްއާއި އަދި އަޚްލާޤިއްޔާތު ނަގާލަން މަސައްކަތްކުރާ ބަޔަކާއި އެއްކޮޅުވެވޭނެ ޝަރުޢީ އެއްވެސް ހަމައެއް ނެތްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ރޭ ގެނެސްދިން ’29 މިނެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން  އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ މަސްލަޙަތާއި ސަލާމަތްތެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ހިފެހެއްޓި މިންވަރަކުން ކަމަށެވެ. އަދި ރާއްޖޭގެ އިސްތިޤްލާލްއާއި އަޚްލާޤިއްޔާތު ޙިމާޔަތްވެގެން ދިއުމާއިމެދު އެބައެއްގެ އިތުބާރު ގެއްލިފައިވާ ބަޔަކަށް އެއްކޮޅު ވެވޭނެ އެއްވެސް ޝަރުއީ ހަމައެއް ނެތް ކަމުގައި ޝައިހް ވިދާޅުވިއެވެ.
އަދި އުއްމަތާއި މުޖްތަމަޢުއާއި ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި އަޅުގަނޑުމެންގެ އަމިއްލަ މަސްލަޙަތެއް ނެތީމައި އެކަމާއި ދެކޮޅުވެފައި، އަޅުގަނޑުމެންނަށް ވަގުތީ މަންފާއެއް ކުރާތީ އެކަމާއި އެއްކޮޅުވުން އެއީ އުސޫލެއް ނޫންކަމުގައި ޝައިހް ވިދާޅުވިއެވެ.
”ޝަރުޢީގޮތުން ބައެއްފަހަރަށް އަޅުގަނޑުމެންނަށް ޒާތީގޮތުން ގެއްލުމެއް ލިބޭކޮޅުވެސް އިޚްތިޔާރު ކުރަން ޖެހިދާނެ. އެގޮތަކީ ޝަރުޢީ ހަމަތަކާއި އުޞޫލުތަކުން އަޅުގަނޑުމެންނަށް މަޖުބޫރު ކުރުވާ ގޮތްކަމަށްވަނީނަމަ އެގޮތް އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭނީ. އެކަމުން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަމެއް އޮތް ކަމުގައިވިޔަސް. އެއީ ހަގީގަތުގައި އީމާންކަމުގެ މާނައަކީ. ތިމާ ރުހޭގޮތް ކޮންމެފަހަރަކު ހަދާކަށް ނޫން. ދީނުގައި ތިމާ ނުރުހޭ ގޮތްތައްވެސް ހަދަންޖެހޭ ފަހަރު އެބައާދޭ“ ޝައިޚް ވިދާޅުވިއެވެ.
އަދި ވޯޓުގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ ޝަރުއީ ނިޒާމާއި ހިލާފަށް ކަމުގައި ވެސް ޝައިހް ފާހަގަކޮށްފައިވެއެވެ.
"ހަޤީގަތަށް ބުނާނަމަ ވޯޓުގެ ނިޒާމު ބައްޓަން ކޮށްފައިބަނީ ޝަރުއީ ނިޒާމާއި ހިލާފަށް. ވޯޓަކީ ހާއްސަގޮތެއްގައި ގައުމުގެ މަސްލަހަތުތަކާއި ގުޅޭ ވޯޓަކީ ދީނީ އިލްމުވެރިންނާއި ކަމުވޮށިގެންވާ މީހުން އެއަށް އެއްބަސް ކިޔަން ޖެހޭ އެެއްޗެއް" ޝައިހް އަބްދުﷲ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ