ސާފް ސުޒުކީ ކަޕް 2018: ފައިނަލްގައި ރާއްޖެއާއި އިންޑިއާ

ސާފް ސުޒުކީ ކަޕްގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ވާދަވެރި ޕާކިސްތާން އަތުން 3-1 އިން ހޯދި މޮޅާ އެކު އިންޑިއާގެ ޓީމުން އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެއާ ވާދަކުރުމުގެ ފުރުސަތު ހޯދައިފިއެވެ.ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީގައި ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި އިންޑިއާއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފް 0-0 އިން ނިމުނު އިރު ޕާކިސްތާންގެ ކީޕަރު ވިޝާލް ކެއިތު ވަނީ އިންޑިއާއިން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ދިފާއުކޮށްފައެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި އިންޑިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި އަރިމަތިން ކުރޫނިއަން ޖެހި ބޯޅަ އޭރިއާ ތެރެއިން މަންވީރު ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.ޕާކިސްތާނުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި އިންޑިއާގެ ލީޑުފުޅާކޮށްދިނީ ވެސް މަންވީރު އެވެ. އިންޑިއާގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސުމީތު ޕާސީ އެވެ. އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.ދެ ޓީމު ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 85 ވަނަ މިނިޓްގައި ދެ ޓީމުގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިއާގެ ލަލިއަންޒުއާލާ އާއި ޕާކިސްތާނުގެ މުހުސިން އަލީ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އެއާ އެކު ލަލިއަންޒުއާލާ ވަނީ ފައިނަލަށް ސަސްޕެންޑްވެފަ އެވެ.ޕާކިސްތާނަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީ ހަސަން އެވެ. އޭރިއާ ބޭރުން ހަސަން ޖެހި ބާރު ބޯޅަ ގޯލަށް ވަންއިރު ކީޕަރު ވިޝާލް ހުރީ ހަރަކާތް ހުއްޓިފަ އެވެ. މިއީ މި މުބާރާތުގައި އިންޑިއާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.މުބާރާތުގެ ފައިނަލްގައި އިންޑިއާ ވާދަ ކުރާނީ ދިވެހިރާއްޖެއާއެވެ. އިންޑިއާ އާއި ރާއްޖެ ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ