ތެމިފޯވެގެން ވެސް އައްޑޫ ރައްޔިތުން ރައީސްއަށް ހޫނު މަރުހަބާއެއް

ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ވެސް އައްޑޫ ސިޓީގެ ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް މަރުހަބާ ކިޔައިފި އެވެ.
ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަތްއިރު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގަމަށް ގޮސްފަ އެވެ. އައްޑޫ ސިޓީގެ ރައްޔިތުންނާ ރައީށް ޔާމީން ސަލާމް ކުރައްވަމުން ގެންދެވި އިރު ކުއްލިއަކަށް ބޯކޮށް ވާރޭ ވެހެން ފެށި އެވެ. ނަމަވެސް ރައީސް ޔާމީން ކުޑައެއް ނަންގަވައިގެން ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދެވި އެވެ. އައްޑޫ ރައްޔިތުން ތެމިފޯވެގެން ވެސް ވަރަށް ފޯރީގައި ރައީސް ޔާމީންއަށް މަރުހަބާ ކިޔަމުން ދިޔަ އެވެ.
އައްޑޫއަށް ރައީސް ވަޑައިގެން ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތާއި، ފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވުމާއި ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމާއި ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެ އިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން ހިތަދޫ ނަރުދަމާގެ ހިދުމަތާއި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި، ނޭޗާ ޕާކާއި، ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް ހުޅުއްވައިދެއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ހިދުމަތް ފަށްޓަވައިދެއްވުމާއި ފޭދޫ ބިންހިއްކުމަށް ހިންގި މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ