ރައީސް ނަޝީދަކީ ޔަހޫދީއެއް، މުނާފިގެއް: އެމްޕީ އަދުރޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޔަހޫދީއެއް އަދި މުނާފިގެއް ކަމުގައި ޕީޕީއެމްގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްޕީ އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް އިން މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދާ “އުންމީދީ 16” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
” އެބޭފުޅާގެ ފަހަތުގައި އެތިބީ ދިވެހީންނޭ ބުނާތީ ހައިރާންވޭ، އެއީ ރާއްޖެ ދުވަހަކުވެސް ނުދެކޭވަރުގެ ޔަހޫދީއެއް، ޔަހޫދީއަކަށް ވަނީ ވަކި ގައުމަކަށް ނިސްބަތް ވާތީކީ ނޫން، އެއީ މުނާފިގެއް، މުނާފިގުންގެ ތިން ސިފަ ފުރިހަމަވޭ” އަދުރޭ ވިދާޅުވި އެވެ.
ޖަލްސާގައި ވާހަކަފުށު ދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަނީ ދެ މަގްސަދެއްގައި ކަމަށާއި އެއް މަގްސަދަކީ އިދިކޮޅުގައި އޮވެގެން ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށެވެ. އަދި އަނެއް މަގްސަދަކީ ވެރިކަން ކުރުން ކަމަށެވެ.
“އަޅުގަނޑުމެން އެ ދެ ހާލަތުވެސް ތަޖުރިބާ ކޮށްފިން، ޖައްބާރުވެރި އަނިޔާވެރި ލަދީނީ ލާ އިންސާނީ ސަރުކާރެއް އޮތް އިރު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީ އެއް އޮތްކަން އޮންނާނީ ދައްކުވައިދީފަ” އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީން 2018 އަށް ރިޔާސީ ކެމްޕޭން 2013 ނޮވެމްބަރު 17 ވަނަ ދުވަހު ފައްޓަވާފައި ވާކަމަށެވެ. އޭނާ ވިދާޅުވީ އެންމެ މުހިއްމު ކެމްޕޭނަކީ ވައުދުތައް ފުއްދުމުގެ ކެމްޕޭން ކަމަށެވެ. ވައުދުތައް އަންނަނީ ފުއްދަމުން ކަމަށާއި ރައީސް ޔާމީނަކީ ބަސް މަދުކޮށް އަމަލު ގިނަ ކުރައްވަ ބޭފުޅެއް ކަމުގައިވެސް އަދުރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ