ޔޫރަޕްގައި ޖެޓް ފިއުލް ހުރީ އެންމެ 6 ހަފުތާއަށް ވާވަރަށް: އައިއީއޭ

ޔޫރަޕްގައި ޖެޓަށް އަޅާ ތެޔޮ ރައްކާކޮށްފައި ހުރީ އެންމެ ހަ ހަފުތާއަށްވާ ވަރަށް ކަމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)އިން ބުނެފިއެވެ. މެދުއިރުމަތިން ޔޫރަޕަށް އިމްޕޯޓްކުރާ ތެލުގެ ދެބައިކުޅަ އެއްބައި ނުގެނެވިއްޖެނަމަ، ޖޫން މަހު ރައްކާކޮށްފައި ހުރި ތެޔޮ ގާތްގަޑަކަށް ހުސްވާނެ ކަމަށް އައިިއީއޭއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ރައްދުގައި ގަލްފުން ޖެޓް ފިއުލް ބާޒާރަށް ނެރުމަށް މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު އީރާނުން ވަނީ ނަގާފައެވެ. ކަނޑުއޮޅިން ދަތުރުުކުރާ އުޅަނދުތަކަށް ހުރަސްއެޅުމަށް ކޮންޓްރޯލު ނަގާފައި އޮންނަތާ ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ތެލާއި ހަކަތައިގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ. އައިއީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ފާތިހު ބިރޯލްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫހުން ބުނީ، ތެލުގެ ސަޕްލައި ނުލިބޭނަމަ، ފްލައިޓްތައް ވަރަށް އަވަހަށް ކެންސަލްވާން ފަށާނެ ކަމަށެވެ. ހަކަތަ ފޯރުކޮށްދިނުމާއި ސަލާމަތާ ބެހޭ ގޮތުން 32 މެންބަރު ގައުމަކަށް ލަފާދޭ އައިއީއޭއިން މަހުން މަހަށް ނެރޭ ތެލުގެ މާކެޓް ރިޕޯޓުގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރަށް ޖެޓް ފިއުލް އެންމެ ގިނައިން އެކްސްޕޯޓުކުރަނީ ގަލްފް ސަރަހައްދުން ކަމަށެވެ. ކޮރެއާ، އިންޑިއާ އަދި ޗައިނާ ފަދަ ބޮޑެތި އެކްސްޕޯޓްކުރާ އެހެން ގައުމުތަކުން ވެސް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ މެދުއިރުމަތިން ސާފުނުކުރާ ތެލަށެވެ. މީގެ ކުރިން ޔޫރަޕުން ޖެޓް ފިއުލް އިމްޕޯޓް ކުރުމުގެ ގާތްގަނޑަކަށް 75 އިންސައްތަ ބަރޯސާވެފައިވަނީ މެދުއިރުމައްޗަށް ކަމަށް އައިއީއޭއިން ފާހަގަކޮށްފައިވެއެވެ. އަދި ފާއިތުވި ހަފްތާތަކުގައި އެމެރިކާގެ ޖެޓް ފިއުލް އެކްސްޕޯޓް ކުރުމުގައި ހަލުވި ކުރިއެރުމެއް އައިސްފައި އޮތް ކަމަށާއި ހުރިހާ ޝިޕްމަންޓްތަކެއް ޔޫރަޕަށް ދަތުރުކުރި ނަމަވެސް، އެ ޝިޕްމަންޓްތަކުން ފޫބެއްދޭނީ ތެލުގެ ދެބައިކުޅަ އެއްބައި ކަމަށް އައިއީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ. ޖެޓް ފިއުލްގެ ސަޕްލައިއަށް ބުރޫއަރައި އަގު އުފުލެމުންދާތީ އެއާލައިންތަކަށް ވަނީ ކުއްލި ފިޔަވަޅުތައް އަޅަން ޖެހިފައެވެ. ޔޫރަޕްގެ ޖެޓް ފިއުލްގެ ބެންޗްމާކް އަގު އޭޕްރީލް މަސް ފެށުނުއިރު ޓަނަކަށް 1،838 ޑޮލަރު (1،387 ޕައުންޑް) އަށް އަރާފައިވާއިރު، ހަނގުރާމަ ފެށުމުގެ ކުރިން އެ އަގު ހުރީ 831 ޑޮލަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ