އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި ބަޔާނުން ދޭހަވަނީ ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތަކަށް ސީދާ ބިރު ދެއްކުމުގެ މަޤްޞާދުގައި ނެރުއްވާފައިވާ ބަޔާނެއް ކަމުގައި ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ބަޔާނާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ޚިދުމަތްތަކުން ކަށަވަރުކުރަންވާނޭ ކަމެއް ކަމަށް ޤާނޫނުއަސާސީން ކަނޑައަޅައި ސަލާމަތީ ޚިދުމަތްތަކުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީހިނދު ސުޕްރީމް ކޯޓުން ޝާއިޢުކޮށްފައިވާ ނޫސް ބަޔާނުގައި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމްރު މަޢުރޫފު ހިންގާނެކަމަށް ބަޔާންކުރުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރަށް އަރައިގަތުންކަމުގައި އެމްޑީޕިން ދެކޭ ކަމަށެވެ.
“ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރައްވާނެ ކަމުގައި ބަޔާނުގައި ވިދާޅުވެފައިވާއިރު ދައުލަތުގެ އެންމެ މަތީ ކޯޓުން މިފަދަ ހަރުކަށި ބަޔާނެއް ނެރުއްވި ސަބަބެއް ބަޔާންކުރައްވާފައި ނުވާކަން ފާހަގަ ކުރަމު، ސުޕްރީމް ކޯޓުގެ ބަޔާނުން ދޭހަވަނީ ޤައުމުގެ އަމަން އަމާންކަން ގެއްލި ސުލްޙަ މަސަލަސްކަމަށް ބުރޫ އަރާ ފަދަ ޙަދިސާއެއް ހިނގައިގެން އުޅޭކަން” އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފަހުގެ ތާރީޙެއްގައި ދިވެހި ރައްޔިތުން ދުށް އެންމެ ނުރައްކާތެރި، ބިރުވެރި އަދި ހިތާމަވެރި އެއް ދުވަސްކަމުގައިވާ 2012 ފެބްރުއަރީ 7 ވަނަ ދުވަހު ޤާނޫނީ ވެރިކަން ބަޔަކު ނިކުމެ ވައްޓާލުމާ ގުޅިގެންވެސް މިފަދަ ބަޔާނެއް ސުޕްރީމް ކޯޓުން ނެރުއްވާފައިނުވާ ހިނދު ކުއްލި ގޮތަކަށް އެފަދަ އެއްވެސް ހަމަނުޖެހުމެއް ޤައުމުގައި ނެތް އިރެއްގައި މި ބަޔާން ނެރުއްވަން ޖެހިވަޑައިގަތް ސަބަބާ މެދު ކަންބޮޑުވާ ކަމަށެވެ.
“ޤައުމުގައި ހިނގާ ޤާނޫނާ ޚިލާފް ކަންކަން ޙައްލުކުރާނެ ގޮތްތަކާ އަދި އެފަދަ ޙާލަތްތަކުގައި ދައުލަތުގެ އެކި މުވައްސަސާތަކުން ޢަމަލު ކުރާނެ ގޮތް ތަފްޞީލުކޮށް ޤާނޫނު އަސާސީއާއި އެކިއެކި ޤާނުނުތަކުގައި ވަނީ ބަޔާންކޮށްފައި، ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ޢަދުލު އިންޞާފް ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާ ތަކުންނާއި ދައުލަތުގެ މަޤާމުގަކާ ޙާވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ޤާނޫނު އަސަސީއަށް ޢަމަލުކުރާން ފެށުމާއެކު މި ޤާނޫނު އަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެ ކަމުގައެވެ. ޤަނޫނު އަސާސީގައި މިފަދައިން ބަޔާންކޮށްފައިވާއިރު ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ވަކި ޚާއްސަ ބާރެއް ސުޕްރީމް ކޯޓަށް ދީފައިނުވާކަން ހާމަވޭ” އެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ އެންމެ މަތީ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަވައި ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ސިޔާސީ މަޤްޞާދެއް ޙާސިލްކުރުމަށް ބަޔަން ނެރުއްވާ ހިސާބަށް ކަންކަން ދިއުމަކީ މިއަދު ދިވެހި ދައުލަތަށް ކުރިމަތިވެފައިވާ ބިރުވެރި ކަމެއް ކަމަށެވެ. އަދި ޢަދުލު އިންސާފުގެ ބާރު ވެރިކަން ހިންގާ ބާރާ މަސްހުނިވެފައިވުމަކީ ރައްޔިތުންގެ އިތުބާރު މުޅި ޝަރުޢީ ދާއިރާއަށް ގެއްލިގެން ދާނެ ކަމެއް ކަމށާއި އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ ކަންކަމުން ދުރުވެ، ޤައުމަށް ކުރިމަތިވެފައިވާ ޢަދުލު އިންސާފުގެ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރެއްވުމަށް ގޮވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބަޔާނަކީ ސަރުކާރާ ހިޔާލު ތަފާތުވާ ފަރާތްތަކަށް ބިރުދައްކަން ނެރުނު ބަޔާނެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ