ގާސިމް ދަނޑުވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފި
ދަނޑުވެރިންނަށް ދިމާވެފައިވާ ގިނަ ދަތިތަކެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހައްލުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ އެންމެ ދަނޑުވެރި އެއް ރަށް ކަމުގައިވާ ތޮއްޑޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ފަސޭހައިން އަދި އަގުހެޔޮކޮށް ބިން ނުލިބުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަން ހައްލުކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުބިން ލިބޭނެ ގޮތް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ދަނޑުވެރިކަން ކުރުމަށް ހާއްސަ ރަށްތަކެއް ކަނޑައަޅުއްވައި، ކައުންސިލުތައް މެދުވެރިކޮށް އެ ރަށްތަކުން ދަނޑުވެރިންނަށް ބިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "ބިމުގެ މައްސަލަ ދިވެހި ދަނޑުވެރިންނަށް ހައްލުކޮށްދޭނަން،" މައުމޫނުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި ގާސިމް ވިދާޅުވި އެވެ. ތަރުކާރީ އާއި މޭވާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ވަރަށް މުހިންމު ތަކެތިކަން ފާހަގަކުރައްވަމުން ވިދާޅުވީ އެތަކެތި މިހާރު އެތެރެކުރަމުން ދިޔަނަމަވެސް، ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި ދަނޑުވެރިންނަށް ފަހިކޮށްދޭ ލުއިފަސޭހައިގެ ސަބަބުން އެތަކެތި ރާއްޖޭގައި އުފެއްދޭނެ ކަމަށެވެ. އަދި ރަށްރަށުގެ ދަނޑުވެރިން މާލެ އަށް ގެންނަ ތަކެތި ވިއްކަން ތިބުމަށްޓަކައި ތަނަވަސް ޖާގައިގެ އިމާރާތެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އޭރުން ބުޅާ ހަތް ހާއްޔަށް ލާގޮތަށް އެތަކެތި ނުލައި ވިއްކޭނީ،" ގާސިމް ވިދާޅުވި އެވެ.ދަނޑުވެރިކަމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖެ އަށް ކުކުޅާއި ކުކުޅު ބިސް އެތެރެކުރަން ނުޖެހޭނެ މިންވަރަށް ޕޯލްޓަރީގެ ވިޔަފާރި ތަރައްގީކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ރާއްޖޭން ބޭރުވެގެންދާ ޑޮލަރު އެކަމުގެ ސަބަބުން ސަލާމަތްކުރެވި ވަޒީފާތައް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކަށާއި ކުކުޅާއި ކުކުޅު ބިހަށް ވެސް ފަހި މާކެޓެއް ހޯދައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "އޭރުން ދަނޑުވެރިންނަށް އޭގެ ފުރިހަމަ އަގު ލިބިގެންދާނީ،" ގިނަ ރިސޯޓްތަކެއް ހިންގާ ވިލާ ކުންފުނީގެ ބާނީ ގާސިމް ވިދާޅުވި އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރައްޔިތުން އަމިއްލަ ފައި މައްޗަށް ތެދުވެވުމަށްޓަކައި ކޮންމެހެން މުހިންމު ދެ މަސައްކަތްކަމަށާއި މަސްވެރިންނަށް ދޯނިފަހަރު އިތުރުކޮށް، މަސްވެރިކަން ތަރައްގީކުރަން މަސައްކަތް ކުރައްވާނެ ގާސިމް ވިދާޅުވި އެވެ. އަދި މެރިކަލްޗަ ތަރައްގީކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރޭގެ ޖަލްސާގައި އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް ފާޑުވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ ހަރުމުދާ ބޭރު ފަރާތްތަކަށް ވިއްކާލާފައިވާ ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު އެކަމަށް ވިސްނެވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ. އަދި އެހެން މީހުންނާ ދިމާއަށް ބާޣީންނޭ އެމްޑީޕީން ކިޔަމުންދާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ ހަ ވަނަ ދުވަހުގެރޭގައި ހިނގައި ދިޔަ ކަންކަން ރަނގަޅަށް ބެލުމުން ހަގީގީ ބާޣީންނަކީ ވެސް ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ