ނަޝީދުގެ މައްޗަށް ދައުވާކުރާތީ ކަމަށް ބުނެ އެމްޑީޕީން ޕީޖީގެ މައްޗަށް ކުރި ދައުވާ ކޯޓުން ބާތިލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް އެމްޑީޕީން ކުރި ދައުވާގެ ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އެމްޑީޕީން ޕީޖީ އޮފީހުގެ މައްޗަށް ކުރި ދައުވާގައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުވާކުރަނީ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި އެ ދައުވާ ބާތިލް ކުރުމަށް ޕީޖީގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ދައުވާ ބާތިލްކުރީ އެ ދައުވާގެ މިއަދުގެ ޝަރީއަތަށް އެމްޑީޕީން ހާޒިރުނުވުމުން ކަމަށެވެ. ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބާތިލްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.
ޕީޖީން އެ މައްސަލައިގައި ކޯޓުގައި ބުނެފައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ. މިއަދު އޮތީ އެ ނުކުތާއާ މެދު ޝަރީއަތުން ގޮތެއް ނިންމުމަށް ތާވަލްކޮށްފަ އެވެ.
ރައީސް ނަޝީދުގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް ވެސް އެމްޑީޕީން ދައުވާކުރި އެވެ. ނަމަވެސް ޖަމީލަކީ މިހާރު ވަޒީރުކަމުގައި ހުރި މީހެއް ނޫންކަމުން އެ މައްސަލަ ވެސް އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ނިންމައި، ދައުވާ ބާތިލްކޮށްފަ އެވެ.
ނަޝީދުގެ ޝަރީއަތް މިހާރު ހުއްޓިފައިވަނީ އެ މައްސަލަ ބެލުން މަޑުޖައްސާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެވެ. އެ އަމުރު ނެރުނީ ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަމުގެ މައްސަލަ ހައި ކޯޓުން ބަލަމުންދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ