އިސް މެޖިސްޓްރޭޓުންނަށް ޗުއްޓީ ދިނުމުގެ ކަންކަން ސުޕްރީމް ކޯޓުން ކުރާ ގޮތަށް ހަމަޖައްސައިފި

ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނަށް ޗުއްޓީ ދިނުމުގެ ކަންތައްތައް ސީދާ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކުރާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ނެރެފައިވާ އާންމު ސިޓީއެއްގައިވާ ގޮތުން ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން އިސް މެޖިސްޓްރޭޓުންގެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރުންގެ ޗުއްޓީގެ ކަންކަން ހަމަޖައްސާނީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެވެ.
ނަމަވެސް އެ ސިޓީގެ އެ މާއްދާ އިސްލާހުކޮށް ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ އާންމު ސިޓީގައިވާ ގޮތުން ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން އެ މަސްއޫލިއްޔަތު އަދާކުރާ ފަނޑިޔާރުންގެ ޗުއްޓީގެ ކަންކަން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.
ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވާ ނެރެފައިވާ އެ ސިޓީގައިވެ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންގެ ޗުއްޓީގެ ކަންކަން ކުރިން ވެސް ހަމަޖައްސަވަނީ އުއްތަމަ ފަނޑިޔާރެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންނާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ގާޒީންގެ ޗުއްޓީގެ ކަންކަން ހަމަޖައްސަނީ އެ ކޯޓެއްގެ އިސް ގާޒީ ނުވަތަ އޭނާ ނެތް ހާލަތުގައި އެ މަސްއޫލިއްޔަތާ ހަވާލުކޮށްފައި ހުރި ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ