ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ޕީޕީއެމް އިން ވަކިވެ ވަޑައިގަންނަވައިފި

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމް އިން ވަކިވެ ވަޑައިގަންނަވައިފިއެވެ.
މިދިޔަ ހަފްތާގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގަންނަވާ ފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު ގެ އިތުބާޜު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދިފަހުން ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވި ދެވަނަ މެމްބަރެވެ.
ޕާޓީ އިން ވަކިވެވަޑައި ގަތްކަން ރަސްމީކޮށް އެންގުމުގެ ގޮތުން މިއަދު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލަށް މެމްބަރ ޝަހުދީ ފޮނުއްވި ސިޓީގައި ވިދާޅުވީ، މިވަގުތު ސިޔާސީ ޕާޓީއެއްގައި ހުންނަވަން ބޭނުން ނުވާތީ، ޕީޕީއެމްގެ ދަފްތަރުން މިއަދުން ފެށިގެން ވަކިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ޝަހުދީ ހިމެނިވަޑައިގަންނަވާއިރު ޝަހުދީ އަކީ ޖުމްހޫރީ ޕޓީގެ ޓިކެޓްގައި މެމްބަރު ކަމަށް ވަޑައިގެންނެވުމަށްފަހު ޕީޕީއެމް އާއި ގުޅުނު މެމްބަރެކެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ވަނީ މިދިޔަ ހަފްތާގައި ވަކިވެވަޑައިގެންފަ އެވެ. އަދި އެޔާއެކު މަޖިލީހުގެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރުކަމުން ވެސް ހަމަ އެ ދުވަހު އިލްހާމް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ