ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކޮށްފިނަމަ ޕާޓީއަށް ބިންހެލުމެއް އަންނާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު މިރޭ އިންޒާރު ދެއްވައިފި އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ޕްރައިމަރީ އާއި ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކުރައްވާ އުމަރު ވާހަކަދެއްކެވުމުން އާންމުކޮށް މައާފަށް އެދުމަށް ޕީޕީއެމް ކައުންސިލުން ނިންމި ނިންމުމަށް އުމަރު އަމަލުނުކުރުމުން ސުލޫކު ކޮމިޓީން މައްސަލަ ބަލަން ފަށާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އުމަރު ވިދާޅުވީ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމެއް ހިނގައިދިޔަ ގޮތް ހާމަކުރުން އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ހާމަކުރީ އަޅުގަނޑުމެންގެ ވަރަށް ގިނަ ސަޕޯޓަރުންނަށް ވޯޓު ފޮއްޓާއި ހަމައަށް ގޮސް ވޯޓުލުމުގެ ފުރުސަތު ގެއްލިފައި އޮތްކަމާއި އަދި އަޅުގަނޑޫމެންގެ ވަރަށް ގިނަ ސަޕޯޓަރުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް އުނިވެގެން ގޮސްފައި އޮތް ކަމާއި އެކަން ކަން ހާމަކުރީ، އަދި ވޯޓު ފޮއްޓަށް ގަވައިދާއި ހިލާފަށް ބައެއް މީސް މީހުން ވޯޓު އެޅިކަން ވެސް އަޅުގަނޑު ހާމަކުރިން، މިއީ ހުސް ހިނގިކަންކަން، އެހެންވީމަ މިއީ އަޅުގަނޑުމެން މައާފަށް އެދެން ޖެހޭ ކަމެއް ނޫން، މިއީ މިކަން ކުރި މީހުން މާފަން އެދެން ޖެހޭ ކަން ކަން." އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދީ އޭނާ އާއި ރައީސް މައުމޫނާއި ކަމަށާއި އެހެންކަމުން ޕީޕީއެމްއިން ވަކިވާން ޖެހޭ އަދި ވަކި ކުރަން ޖެހޭ އެއްވެސް ސަބަބެއް ވެސް ނޯންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޕާޓީން ވަކިކުރުމާއި ސަސްޕެންޑްކުރުން ފަދަ ކަންކަމަކީ އޭނާ އަށް އާ ކަންތައްތަކެއް ނޫން ކަމަށާއި ޕާޓީން ވަކިވެސް ނުވާނެ ކަމަށާއި ޕާޓީން އޭނާ ވަކި ވެސް ނުކުރާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމަށް މިހާރު މަސައްކަތް ކުރާ މީހާ އަކީ ޕާޓީ އަށް ހަގު މީހެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އޭނާ ތުހުމަތުކުރެއްވި ކަންކަން ރަސްމީކޮށް ޕާޓީ އަށް ހުށަނޭޅުއްވީ "ޔާމީންގެ ކޮންޓްރޯލް ދަށުގައި" ހުރި ކޮމެޓީތަކަށް ވުމުން ކަމަށެވެ.
އުމަރު މިރޭ ވަނީ ޕްރައިމަރީ އާއި ބެހޭގޮތުން އިތުރު ތުހުމަތެއް ވެސް ކުރައްވާފައެވެ. އުމަރު ވިދާޅުވީ ޕީޕީއެމް ޕްރައިމަރީގައި ޕާޓީގައި ނެތް މީހުން ވެސް ވޯޓުލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެޕާޓީން ވަކިކޮށްފިނަމަ އެއީ އެ ޕާޓީއަށް އަންނަ ބޮޑު ބިންހެލުމަކަށް ވާނެ، އެހެންވީމަ އެޕާޓީގެ އެއްވެސް މީހަކު އެކަން ކުރާކަށް ނޫޅޭނެ، އަޅުގަނޑު ވަކި ކުރުމަށް އިށީންދެ ވަކި ކުރުމާއި ބެހޭ މަޝްވަރާ ކުރާ އެމީހާ ވެސް ވާނީ މި ޕާޓީގައި އަޅުގަނޑަށް ވުރެ ހަނގު މީހަކަށް، ސަބަބަކީ މި ޕާޓީ އުފެއްދި މީހަކީ އަޅުގަނޑާއި ރައީސް މައުމޫނާއި." އުމަރު ވިދާޅުވި އެވެ.
އުމަރު ސަޕޯޓަރުންގެ އެތައް ހައްގުތަކެއް އުނިވެގެން ގޮސްފައިވާތީވެ އެކަމުގެ ޝަކުވާ އެކި ގޮތް ގޮތަށް އުފުލާފައިވާ ކަމަށާއި ނަމަވެސް އެކަންކަން މާބޮޑޫ ކަންކަމަށް ހަދައިގެން ޕާޓީ ފަޅައިގެންދާ ވަރަށް މަސައްކަތް ނުކުރި ސަބަބަކީ "ޕާޓީ އަޅުގަނޑުމެންނަށް ވުރެ ބޮޑު" ކަމަށް ގަބޫލުކުރާތީ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުލަވާލާނީ ކޮން ކަހަލަ ޓީމެއްތޯ ބަލަމުންދާ ކަމަށާއި ޔާމީން އެކުލަވާލާ ޓީމު އެއީ ރަނގަޅު އެކަށީގެންވާ ކޮރަޕްޝަނުން މިންޖުކުރެވިފައިވާ ޓީމަކަށްވެއްޖެ ކަމުގައިވާނަމަ ޔާމީނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ނަމަވެސް ކޮރަޕްޝަން ތެރެއަށް ވަދެ އެކުވެގެން ގޮސް ޣަރަގުވެފައި އޮތް ޓީމަކަށްވަންޏާ އެއްބާރުލުމެއް ނުލިބޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބަށް ޕާޓީގެ ފަރާތުން އެކުލަވާލާ ޓީމަކީ ގައުމަށް ފައިދާހުރި އިސްލާމީ ޝަހުސިއްޔަތަށް ބުރޫ ނާރާ އަމިއްލަވަންތަކަން ނަގާނުލާ ގާނޫނުތަކާއި އުސޫލުތަކުގެ މަތީގައި ތިބޭ ޓީމަކަށް ވަންޏާ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އުމަރު ނަސީރު މިރޭ ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލާގައި ހިމެނޭ ކުޑަ ކުއްޖާއާ ޔާމީން ބައްދަލުކުރެއްވި ކަމަށް ދެއްކެވި ވާހަކައާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އެ ކުއްޖާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި މީޑިއާއިން އެ ވާހަކަ ގެނެސްދީފައިވަނީ ހަގީގަތް އޮޅޭ ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޔާމީނާ ބައްދަލުކުރަން ގޮސް އިންދައި ފެނިވަޑައިގެންނެވި ވާހަކަ ކަމަށާއި އަދި އެއީ ކުޑަކުއްޖެއް ނޫން ކަމަށާއި މީހެއް ކަމަށެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަތުމުން 150 ވަރަކަށް މީހުން ފޮރިން މިނިސްޓްރީ ކުރިމައްޗަށް އެއްވެ އުމަރަށް މަރުހަބާ ކިޔާފައިވެ އެވެ.
ޕީޕީއެމްއިން ވަކިކޮށްފިނަމަ ޕާޓީއަށް ބިންހެލުމެއް އަންނާނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ