މާލެއަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ކަނޑު ގަދަވެފައިވާތީ މަގުމަތި ބޭނުންކުރާ ފަރާތްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވަކިން ޚާއްޞަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މަގު ހިނގާ މީހުންނަށް ސަމާލުކަން ނުދެއްވާނަމަ ހިތާމަވެރި ޙާދިސާއެއް ހިގުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ކަނޑު ދަތުރު ކުރާ ފަރާތްތަކުންވެސް މޫސުން ގޯސްވެ ވައިގަދަ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދަތުރުކުރމަކީ މިދެންނެވިފަދަ ހިމާވެރި ޙާދިސާއެއް ހިނގާފާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވުމަށާއި، ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ފަޅު ރަށްރަށަށާއި އެހެނިހެން އެކަހެރި ރަށްރަށަށް ފުރައިގެންދާނަމަ އެކަން ފުލުހުންނަށާއި ކޯސްޓް ގާޑަށް އަންގައި ފުރިހަމަ މަޢުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި މިހާރު އުފެއްދިފައިވާ ލޯ ޕްރެޝާ ޓްރަޕެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކޮޅިގައި ގަޑިއަކު 40-50 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށް މެޓް އޮފީހުން މިއަދު ބުނީ ވިއްސާރާގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް މާލެއަށް 127 މިލިމީޓަރުގެ ވާރޭ، ލ. ކައްދު އަށް 77 މިލިމީޓަރުގެ ވާރޭ އަދި ސ. ގަމަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުކުރެވިފާއިވާ ކަމަށެވެ.
އަދި މި ވިއްސާރާގައި އައްޑު އަށް ރޭ މެންދަމު 47 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
އިއްޔެއިން ފެށިގެން މާލެއަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެހުނު ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލްކޮށްފައެވެ.
މޫސުން ގޯސްވެފައިވާތީ ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ