ގާނޫނީ އިމުގެ ބޭރުން ހިންގާ އެއްވެސް ތަހްގީގަކަށް އެއްބާރުލުން ނުދޭނަން: ރައީސް މައުމޫން

ގާނޫނީ އިމުގެ ބޭރުން ހިންގާ އެއްވެސް ތަހްގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ދޫނިދޫ ޖަލުގައި މިވަގުތު ބަންދުކޮށްފައި ހުންނެވި ރައީސް މައުމޫނާއި ފުލުހުން މިއަދު ކުރެއްވި ތަހްގީގު އިންޓަރވިއުއަށްފަހު ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ފުލުހުންނަށް ރައީސް މައުމޫން ދެއްވީ ވަރަށް ސާފު ސީދާ ޖަވާބެއް ކަމަށެވެ.
އެއީ، ފެށުނީއްސުރެ އެމަނިކުފާނާމެދު ކަންތައް ކުރަނީ ގާނޫނުއަސާސީއާ ގާނޫނުތަކާ ޚިލާފަށް ކަމަށާއި، ގާނޫނުތައް ދެކެ ބިރުން ގާނޫނުތައް ފޮރުވާފައި، ހައްގުތައް ކަފުންކޮށްފައި، އެމަނިކުފާނާމެދު އަނިޔާވެރި އަމަލުތަކެއް ހިންގަމުންދާ ކަމަށް ސިފަވާގޮތަށް، އެގޮތަށް އިހްސާސް ކުރެއްވޭ ގޮތަށް ކަން ކުރެއްވުމަށްފަހު، މިއީ ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ތަހްގީގެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ފުލުހުންނަކަށްވެސް މިއީ ގާނޫނީ އިމުގެތެރެއިން ހިންގާ ތަހްގީގެއް ކަމަށް ވިދާޅު ނުވެވޭނެ ކަމަށް ރައީސް މައުމޫން ފުލުހުންނަށް ދެންނެވި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ގާނޫނީ ހަމަތަކުގެމަތިން ހިންގާ ތަހްގީގެއް ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ނުކުރައްވާތީ، ގާނޫނީ އިމުގެ ބޭރުން ހިންގާ ތަހްގީގަކަށް އެއްވެސް އެއްބާރުލެއްވުމަށް ނުދެއްވާނެ ކަމަށް ރައީސް މައުމޫން ފުލުހުންނަށް ދެންނެވި ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
"އެހެންނަމަވެސް، ގާނޫނީ އިމުގެ ތެރެއަށް ފުލުހުން ރުޖޫއަވެވަޑައި ގަތުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މައުމޫނު ފުލުހުންނަށް ދެންނެވި. ފުލުހުން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައި ގަތުމުން، އަދި ގާނޫނީގޮތުން ސައްހަ ތުހުމަތެއްކޮށް، ރައީސް މައުމޫން ޖިނާއީ ކުށެއް ހިންގެވި ކަމަށް އެކަށީގެންވާ މައުލޫމާތާއި ހެއްކާއެކު އެފަދަ ތުހުމަތެއް ބިނާކުރެވޭ ކަމަށްވަންޏާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި" މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ގަބޫލުފުޅު ކުރައްވަނީ، މިހާރުވެސް ކަންކަން ހިނގަމުންދަނީ ގާނޫނުއަސާސީއާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށް އޭގެ ދަށުން ކަމަށާއި، އެމަނިކުފާނު މިހާރުވެސް ހުންނެވީ ގާނޫނާ ޚިލާފް ބަންދެއްގައި ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
މިހާލަތުގައި ގާނޫނީ އިމުގެ ބޭރުން ތަހްގީގެއް ހިންގައި، ސިޔާސީ ނުފޫޒުން ފުރިގެންވާ ދައުވާއެއް އުފުލިދާނެ ކަމަށާއި، ދައުވާ އުފުލައި، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ރަހީނުކޮށްފައިވާއިރު އެކަމަށް ބިރުނަގާފައި އޮތް ފަނޑިޔާރު ގެއެއްގައި ޝަރީއަތްވެސް ހިންގިދާނެ ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ކުރައްވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.
"އުއްތަމަ ފަނޑިޔާރަކީ ފަނޑިޔާރު ގޭގެ އެންމެ މަތީ ފަރާތް. އެފަރާތް ރަހީނުކޮށްގެން ގާނޫނާ ޚިލާފް ބަންދެއްގައި ގެންގުޅެމުންދާއިރު، އާދައިގެ ފަނޑިޔާރަކަށް ކޮން ޔަގީންކަމެއްތޯ އޮތީ. އެކަމުގެ ބިރަށްޓަކައި ޝަރީއަތްތަކެއް ހިންގިދާނެ ކަމަށް ރައީސް މައުމޫނު ގަބޫލު ކުރައްވާ" މައުމޫން ހަމީދު ވިދާޅުވިއެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫނާމެދު މިހާރު މިހިންގާ ހުރިހާ ކަމަކީ މައުމޫންގެ އާއިލާގެ ހިތްވަރު ދެރަކުރުމަށް ހިންގާ ކަންތައްތަކެއް ކަމަށެވެ.
އެހެންނަމަވެސް، މައުމޫން ހުންނެވީ ގަދަކޮށް ކަމަށާއި، ހިތްވަރަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި، ރައީސް މައުމޫން ހުންނެވީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައި ގަންނަވާ ގޮތަކަށް ނޫންކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
"އެއްވެސް ފަރާތަކުން ހީކޮށްގެން ނުވާނެ ބިރުދެއްކިޔަސް ފަހަތަށް ޖެހޭނެ ކަމަށް. އެއީ ކުށް ހީއެއް. ފަހަތަކަށް ނުޖެހޭނަން. އެހެން އެކަކު ނެތަސް، މިގޮތުގައި ދެމިހުންނާނަން" ރައީސް މައުމޫން ވިދާޅުވި ކަމަށް ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ