ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދޭ ފުރިހަމަ ފެރީގެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ރާއްޖޭގައި ގާއިމް ކޮށްފައިވާ ފެރީގެ ނިޒާމަކީ ނަމަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ފެރީގެ ނިޒާމް ތައާރަފްކޮށްފައި ވަނީ އެކަން ކުރާނެ އުސޫލެއް ވެސް ނޭނގި ތިބެ ކަމަށާއި ނަތީޖާއެއްގެ ގޮތުން ފެރީގެ ނިޒާމް މިހާރު ފެއިލްވެފައިވާ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދުވަހުން ދުވަހަށް ރަށަށް އާދެވޭނެ ގޮތަށް އެކުލަވާލެވޭ ހަރުދަނާ ފެރީގެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ދަތުރުފަތުގެ ނިޒާމް އޮތް ގޮތް ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. ނަމަކަށް ކަމެއް ކޮށްފައި ދިޔައީ. ކަން ހިނގާނެ އުސޫލެއް ނޭނގޭ. ކަންކުރާނެ ގޮތެއް ވެސް ނޭނގޭ. ތަޖުރިބާއެއް ވެސް ނެތް. މިއަދު މިވަނީ އެ ފެރީގެ ނިޒާމް ފެއިލްވެފަ. އެއްވެސް ދިމާއަކުން ނުކުރެވޭ. ދެން ރައްޔިތުން މިދެކެނީ ކޮންމެވެސް މީހަކު މިކަން ނުކޮށް ދޫކޮށްލިތަން،" ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތިނަދޫގެ ތަރައްގީއަށް ކުރުމަށް ނިންމާފައިވާ ބައެއްކަންތައް ހިއްސާ ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތިނަދޫގައި އިންޑޯ ކުޅިވަރު ކުޅެވޭނެ އިޖުތިމާއީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި އެރަށުގައި އާޓިފިޝަލް ބީޗެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި އެއާޕޯޓު މިހާރަށް ވުރެ ބޮޑުކޮށް، އެތަން ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކައުންސިލްތައް މެދުވެރިކޮށް ހިދުމަތްދޭ ފުރިހަމަ ފެރީގެ ނިޒާމެއް ގާއިމް ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ