ދިގު 30 އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން އަބްދުލްޤައްޔޫމް “ސިޔާސީ ޤިބްލައެއް” ކަމުގައި އިދިކޮޅު ފަރާތްތަކުން ބަލައިގެން، ޖަލްސާތައް ބާއްވަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ޖަލްސާތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރުންގެ ކަމަކީ، މައުމޫނަށް ހުޝާމަދުކޮށް ވާހަކަ ދެއްކެވުމެވެ. އޭގެ ސަބަބުން މައުމޫނު އުފަލުން ގޮސް ދެއްކެވޭ ނުދެއްކެވޭ ވާހަކަ އޮޅޭ ހިސާބަށް ވެސް ކަންތައް އެބަދެއެވެ.
އެވާހަކަތަކަށް ވެރިކަމާއި ހެދި ފެންބޮވައިގަނެފައި ތިބި އިދިކޮޅު ފަރާތްތަކުން އަތްޖަހައި މައުމޫނަށް ސަނާ ކިޔަމުން ދިޔަ ނަމަވެސް، ހަގީގަތުގައި ފަޟީޙަތް ވެގެން އެ ދަނީ މައުމޫނެވެ. ރޭ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި، މައުމޫނުގެ ތީރުކޮޅުތައް އުކާލެއްވީ މި ސަރުކާރުގެ އެންމެ ހިންގުންތެރި، އެއް ވަޒީރު ކަމުގައިވާ، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރަށެވެ.
މައުމޫނު ވިދާޅުވި ގޮތުގައި، މިނިސްޓަރ ޒަމީރު މަޖިލީހަށް އިންތިޚާބު ކުރައްވަން އެބޭފުޅާ ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ހަގީގަތް އޮޅުވާލައްވަން މައުމޫނު އެ ދެއްކެވި ވާހަކަ އިން ބޭޒާރުވީ މައުމޫނެވެ.
އޮނަރަބަލް މޫސާ ޒަމީރަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގެ ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެކަމަކީ، މިއަދު މައުމޫނު ޕޯޑިއަމެއްގައި ދައްކަވާ ވާހަކަފުޅަކުން ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ.
އޮނަރަބަލް މޫސާ ޒަމީރު 2014 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވީ، މ. މުލަކު ދާއިރާ އަށެވެ. އެ ދާއިރާގެ ގޮނޑި އޭގެ ކުރިން ފުރުއްވާފައި ވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު އެ ދާއިރާއިން މަޖިލިސް ގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވި ހުރިހާ ފަހަރަކު ވެސް ތަނަވަސް އަޤްލަބިއްޔަތެއް ހޯއްދެވިއެވެ. އެހެން ނަމަވެސް ކުއްލިއަކަށް އެދާއިރާގެ ގޮނޑި ގެއްލެން މެދުވެރިވި ސަބަބަކީ ކޮބައި ހެއްޔެވެ؟
ޕީޕީއެމް އަށް ތާޢީދު ބޮޑު ދާއިރާ އަކުން އޮނަރަބަލް މޫސާ ޒަމީރަށް ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އެއް ސަބަބަކީ ސީދާ މައުމޫންގެ ނުބައި ރޭވުންތަކެވެ. ބޭރު ފުށުން ޒަމީރަށް ކެމްޕެއިން ކުރެއްވުމުގެ ކުލަވަރު ދައްކާލެއްވިއެވެ. އެހެން ނަމަވެސް، މޫސާ ޒަމީރު މަޖިލީހަށް އެތެރެ ވުމަކީ، މައުމޫނަށް ޕީޕީއެމްގެ ތެރޭގައި ބާރުކުޑަ ވާނެ ސަބަބެއް ކަމުގައި މައުމޫން އިންތިހާބުގެ ތެރޭގައި ފާހަގަކުރައްވާފައިވެއެވެ. ޕީޕީއެމްގެ ކައުންސިލްގައި ތިއްބެވި މައުމޫނަށް ވަފާތެރި މެންބަރުންނާއި އެކު ސިއްރިއްޔާތުގައި ބޭއްވި ބައްދަލުވުންތަކުގައި، މައުމޫނު އެ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.
އޮނަރަބަލް މޫސާ ޒަމީރަކީ، ރައީސް އަބްދުﷲ ޔާމީން އަށް 2013 ވަނަ އަހަރު ރިޔާސީ އިންތިޙާބު ކާމިޔާބުކޮށްދެއްވުމަށް އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. މައުމޫންގެ ޙީލަތްތެރި ރޭވުމުގެ “ޝިކާރައަކަށް” ވުމުގެ ސަބަބުން މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި ނަމަވެސް، އޮނަރަބަލް މޫސާ ޒަމީރުގެ ފަރާތްޕުޅުން ފެނިވަޑައިގެންފައި ވަނީ ހިތްތިރި ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އޭގެ ބަދަލު ހިއްޕެވުމުގެ ބަދަލުގައި މައުމޫންގެ ދަރިކަލުން ފާރިސް މަޖިލީހަށް އިންތިޚާބު ކުރެއްވުމަށް ރައީސް ޔާމީން ކުރެއްވި ކެމްޕެއިންތަކުގައި މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީ އޮނަރަބަލް މޫސާ ޒަމީރެވެ. މިއަދު މައުމޫނު އެކަމަށް ޝުކުރުވެރިވެ ވަޑައިނުގަންނަވާ އޮނަރަބަލް މޫސާ ޒަމީރު މިނިސްޓަރު ކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވީމޭ ވިދާޅުވުމުން މައުމޫނުގެ ފެންވަރު ހާމަވެގެން ހިނގައްޖެއެވެ.
މަޖިލިސް މެންބަރު ކަމަށް އިންތިހާބު ނުވި ނަމަވެސް، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ވެސް އޮނަރަބަލް މޫސާ ޒަމީރު ހުންނެވީ އިޚްލާސްތެރިކަމާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައެވެ.
ދަރިކަލުންނަށް ނައިބު ރައީސްކަން ނުލިބުނީމާ، މައުމޫން ކަންތައް ކުރެއްވި ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވައެވެ. ޕީޕީއެމްގެ ކައުންސިލް ޚިސޯރެއް ނުކުރައްވައެވެ. އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ސަރުކާރު ވައްޓާލުމަށް ބަޣާވާތް ކުރައްވާކަށް ނޫޅުއްވައެވެ. އަދި ފަނޑިޔާރުންނަށް ވަޓްސްއަޕް މެދުވެރިކޮށް މެސެޖެއް ވެސް ނުކުރައްވައެވެ.
ޓޫރިޒަމް މިނިސްޓަރ ކަމަށް އޮނަރަބަލް މޫސާ ޒަމީރު އައްޔަން ކުރެއްވީ، ރައީސް އަބްދުﷲ ޔާމީން އެބޭފުޅާ އަށް ކުރައްވާ އިތުބާރުގެ ސަބަބުންނެވެ. ދިވެހިރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އިޚްލާސްތެރިކަމާއި ޤާބިލްކަން އޮނަރަބަލް މޫސާ ޒަމީރުގެ ކިބައިގައި ހުރުމުންނެވެ.
ފަހަރެއްގައި ވެސް އެއީ މައުމޫނުގެ މޮޅުކަމުން މައުމޫނު ފޮނުވި ސިޓީ އެއް ނުވަތަ ވަޓްސްއަޕް މެސެޖަކަށް ބިނާކޮށް ކުރެއްވި ކަމެއް ނޫނެވެ.
މައުމޫން ވިދާޅުވީ ތެދު ވާހަކަފުޅެކެވެ. މައުމޫނަށް ވެސް ޗައިނާ އެނގިވަޑައިގަންނަވައެވެ. ގްރޭޑް 1 ގެ ދަރިވަރަކަށް ވެސް ޗައިނާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމޭ ބުނަން އެނގޭ ފަދައިންނެވެ. މައުމޫނަށް ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ދިގު 30 އަހަރު މައުމޫނަށް އަރާވަޑައިގެންނެވުނީ ޗައިނާގެ ބޮޑު ފާރަށެވެ. ބައްދަލުކުރެއްވި ޗައިނާގެ އިސްވެރިންގެ ފަރާތުން މައުމޫނު ހޯއްދެވި އެހީއަކަށް ލިބުނު ފައިސާއަކަށް ހެއްދެވި ގޮތުގެ ވާހަކަ މައުމޫން ވިދާޅުވުން މާ ރަނގަޅެވެ.
އެހެން ނަމަވެސް އޮނަރަބަލް މޫސާ ޒަމީރުގެ މިނިސްޓަރު ކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޗައިނާ މާކެޓަށް ހުޅުވާލެއްވިއެވެ. ޗައިނާގެ ފަތުރުވެރިންގެ އާބާދީ ކަމުގައިވާ 6 މިލިއަންގެ ތެރެއިން ބައި މިލިއަން މީހުން 2016 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އިރު، ޓޫރިޒަމް މިނިސްޓަރަކީ އޮނަރަބަލް މޫސާ ޒަމީރެވެ. އެ ފަތުރުވެރިން ރާއްޖެ އައީމައުމޫނުގެ ހިއްސާއެއް އޮވެގެނެއް ނޫނެވެ.
2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިންގެ އަދަދަކީ، 20,469 އެވެ. އެހެން ނަމަވެސް މިނިސްޓަރ މޫސާ ޒަމީރުގެ ބުރަ މަސައްކަތްޕުޅުން 2016 ގެ ޖެނުއަރީ މަހު 23,241 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާ ފަތުރުވެރިކަމުގެ އަދަދަކީ، 30,669 އެވެ.
މި ވަޒީރުގެ މަސައްކަތްޕުޅަށް ހުރަސް އަޅުއްވަން ނޫޅުއްވާ މައުމޫން ޗައިނާ ބޮޑު ފާރަށް އަރާވަޑައިގަންނަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ