ދަރިކަލުންނާ މެދު އިހުސާންތެރިވުމަށް ގާސިމް އެދިވަޑައިގެންފި

ފުލުހުންގެ ބެލުމުގައި ދަށުގައި ހައްޔަރުކޮށްފައި ހުންނެވި ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދާ މެދު ފުލުހުން އިހުސާންތެރިވުމަށް ގާސިމް އެދިވަޑައިގެންފިއެވެ.
މިވަގުތު ޖަރުމަންވިލާތުގައި ހުންނަވާ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވީޓްތަކެއްގައި ގާސިމް ވިދާޅުވީ ޖޭޕީގެ ކުލައަކީ ދިވެހި ދިދައިގެ ކުލަތައް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އަދި އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރި މީހެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާއްމުވެގެންދާއިރު ބަލަހައްޓައިގެން ތިބުމަކީ "ލޯ އެންޑް އޯޑަރ" ތޯ ވެސް ގާސިމްގެ ޓްވީޓްގައި ވަނީ ސުވާލު ކުރައްވާފައެވެ.
ދައުލަތުގެ މުއައްސަސާތަކަށް ފާޑު ވިދާޅުވެ ގާސިމް ކުރައްވާފައިވާ އަނެއް ޓްވީޓްގައި ދެން ކުރިމަތިކުރައްވާފައިވަނީ ސުވާލުތަކެކެވެ. އެގޮތުން ގާސިމް ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ފާޅުގައި ދޫވެއްސަށް ވެއްދި ފައިސާ ހަލާލު ނޫން ކަމަށާއި އަދީބު ބެއްސެވީ އެމަނިކުފާނުގެ ފައިސާ ކަމަށް ވިދާޅުވިއިރު އެއީ ރިޝްވަތަށް ނުވަނީތޯއާއި އެ ތަހުގީގުތައް ނިމުނީތޯއާއި އެމަނިކުފާނުގެ ކުށެއް ނެތްތޯ އައްސަަވާފައެވެ.
ގާސިމް ޖަލު ހުކުމަކާއެކު ބޭރުގައި ހުންނެވިއިރު ފުލުހުން އިއްޔެ ވަނީ އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ހައްޔަރުކޮށްފައެވެ.
ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށްފައިވާއިރު، ގާސިމް ވިދާޅުވީ ލޯބިވާ ދަރިފުޅު އިބްރާހިމް ސިޔާދު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކުޑަ ގޮޅީގައި އޮތް ކަމުގައި ވިޔަސް ފުލުހުން ދަރިފުޅާ މެދު އަދުލުވެރިކަމާއި އިހުސާންތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަން ޔަގީން ކުރާ ކަމަށެވެ.
ސަލާމަތީ ބާރުތަކުން އިއްޔެ ހަވީރު ވިލާ ބިލްޑިންއަށް ވަދެ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ އެ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.
ސިޔާދު ހައްޔަރުކުރީ ބަލަމުންދާ މައްސަލައެއްގައި ކަމަށް ފުލުހުން ބުނުން ފިޔަވާ މިމައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަަދި ހާމަކޮށްފައެއް ނުވެއެވެ.
އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ސިޔާދު ވަގުތުން މިނިވަންކުރުމަށް ގޮވާލާފައެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ގެންދަނީ ސިޔާދު މިނިވަންކުރުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ