ސްޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވަނީ ބޮޑެތި ބައެއް މައްސަލަތަކުގައި ހުކުމް އިއްވާފައި ތިބި މީހުން ކަމަށާއި އެމީހުން މިނިވަން ކުރުމުގެ ކުރިން ސަރުކާރުން ވިސްނަން ޖެހޭ ކަމަށް ޕީޕިއެމުން ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ކުރަމުންދާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަންގާފައިވާ ބައެއް ބޭފުޅުންނަކީ ހުކުމް ތަންފީޒު ކުރަމުންދާ ބޭފުޅުންތަކެއް ކަމަށެވެ. އަދި އެބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވެމުންދަނީ ބޮޑެތި މައްސަލަތަކެއްގައި ކަމަށްވާތީ އެ ބޭފުޅުން ދޫކޮށްލުމުން ދެން ނުކުމެދާނެ ނަތީޖާއަކަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރާނެ އެހެން ގޮތްތައް ވެސް ސަރުކާރަށް އެނގޭ ކަމަށެވެ. ނަމަވެސް މަޑު ކުރަމުން ދަނީ އެންމެ ލާބަ ބޮޑު ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ.
"އޭގެތެރޭގައި އެބަ ތިއްބެވި ޓެރަރިޒަމުގެ އަމަލުކޮށްގެން ހުކުމްކޮށްފަ ތިބި މީހުން. އޭގެތެރޭގައި އެބަތިބި ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަކޮށްލަން ރާވައިގެން ނުވަތަ ރޭވި މީހުން އެބަތިބި ދޫކޮށްލަން ވިދާޅުވި މީހުންގެ ތެރޭގައި. އޭގެތެރޭގައި އެބަތިބި ޣައިރުގާނޫނީ އަމުރު ކޯޓުގެ މެޖިސްޓްރޭޓުންނަށް ތިބެގެން ނެރުއްވާފައި ތިބި ބޭފުޅުން. އޭގެތެރޭގައި އެބަތިބި ދައުލަތުގެ ޕީޖީގެ މަގާމުގައި ތިއްބަވައިގެން ގާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރާ ދެކޮޅު ވާހަކަ ދައްކައިގެން ނޫން ނަމަ އަމަލުކޮށްގެން ހަަރަކާތް ހިންގައިގެން ބަންދުކޮށްފަ ތިބި ބޭފުޅުން މިފަދަ ބޭފުޅުން މުޖިތަމައަށް ދޫކޮށްލުމަކީ ގައުމުގެ ސުލްހަ މަސަލަސް ކަމަށް އަސަރު ކުރާނެ ކަންތައް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ މީހުން ދޫކޮށްލުމުން ނިކުންނާނެ ނަތީޖާއަށް ވިސްނަން ޖެހޭ: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ